ޓެކްސީގެ ހިދުމަތް ހައްދުފަހަނައަޅާ ވަރަށް އަގުބޮޑުކޮށް ނުކުރެވޭނެ – ނަހުލާ

ޓެކްސީގެ ހިދުމަތް ހައްދު ފަހަނައަޅާ ވަރަށް އަގުބޮޑުކޮށްގެން ކުރެވޭނެ ކަމަކަށް ނުދެކޭކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިގޮތަށް ވިދާޅުވީ، މިއަދު ސަންގްޓީވީގައި ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. ނަހުލާ ވިދާޅުވީ، މާލެ މި އޮންނަނީ ތޮށްޖެހިފައި ކަމަށާއި، ވެހިކަލްތައް މާ ގިނަވެފައި ކަމަށެވެ.

“މާލެ ރޭވިފައި އޮތްގޮތުން ދަތުރުފަތުރު ކުރުަމަށް ވަރަށް ބޮޑު އުނދަގޫތަކެއް އައިސްފައި ވަނީ، މިކަހަލަ ދަތިތައް ވަރަށް ކުރިމަތިވޭ. ހާއްސަކޮށް ބަލަން ބޭނުންވާ ވަރަށް ނުބެލުމާއި، ސްޕީޑް ކެމެރޭ ފަދަ ތަކެތި ނެތުމުން ބަލަން ބޭނުންވާ ވަރަށް ނުބެލުމާއި މިކަހަލަ ގޮންޖެހުންތައް ވަރަށް އެބަހުރި” މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްސީ ހިދުމަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ކަމެއްގެ ދަތިތަކެއް ދިމާވީމަ އެ އުދަގުލުގެ ވާހަކަދައްކާނެ ކަމަށެވެ. ދެއްކުން އެއީ މައްސަލައެއް ނޫން ކަމަށާއި، އެއީ އެބޭފުޅުންގެ ހައްގެކަމަށް ފާހަގަކުރައްވަމުން ނަހުލާ ވިދާޅުވީ، ކަންތައްތައް ކުރަން ޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ވަކި ހުދޫދެއްގެ ތެރެއިން ކަމަށެވެ.

“ޓެކްސީގެ ކަންތައްތަކުގައި އަޅުގަނޑުމެން ފޯރަމެއްވެސް ބޭއްވިގެން މި ދިޔައީ ހާއްސަކޮށް ޓެކްސީ ދުއްވާ ފަރާތްތައް ގިނައިން މި ފޯރަމްގައި ބައިވެރިވެސްވީ. އެ ފަރާތްތަކާއި ވާހަކަދައްކައިގެން އަޅުގަނޑުމެންގެ ވިސްނުން ހުރީ އެ ފަރާތްތަކާއި ވާހަކަދައްކައިގެން މަޝްވަރާގެ އުސޫލުން، މަޝްވަރާކޮށްގެން މިކަމަށް ހައްލެއް ނެރުން. މާނައަކީ ހިދުމަތް ދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތަށްވެސް އިންސާފްވެރި ގޮތެއްގައި އަގުތަކެއް ކަނޑައެޅިގެން ދިއުން”.މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ޓެކްސީގެ ހިދުމަތްތަކަކީ ޕްރައިވެޓް ސެކްޓަރއަކުން ދެމުން ގެންދާ ހިދުުމަތްތަކެއް ކަމަށް ވިއަސް، ހައްދު ފަހަނައަޅާ ވަރަށް އަގުބޮޑުކޮށްގެން ކުރެވޭނެ ކަމަކަށް ނުދެކޭ ކަމަށެވެ. އަދި އެ ހިދުމަތް ހަރުދަނާ ކުރާއިރު، ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހަރުދަނާ ކުރުމަށް އަލިއަޅުވާލައްވާ ނަހުލާ ވާހަކަދެއްކެވިއެވެ.

އެގޮތުން ވަރަށް ބުރަކޮށް މިނި ބަސް ތައާރަފް ކުރުމުގެ ކަންކަން ކުރިއަށްގެންދާކަން ފާހަގަކުރިއެވެ. އަދި ވިސްނުން ހުރީ މާލޭގެ ކުދި މަގުތަކުގައި ދުއްވޭނެހެން އިލެކްޓްރިކް މިނި ބަސްތައް ގެނައުމަށް ކަަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

“އަގުބޮޑުވެގެން ދާނެ އެ ހިދުމަތް. އެކަމަކު ދިގު މުއްދަތަކަށް ހިދުމަތްދޭ ވެހިކަލްއަކަށް ބަލަންޏާމުން މުސްތަގުބަލުގައި އޭގެ އަގު މާ ކުޑަވެގެން ދާނެ”. ނަހުލާ ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތައް މި ވަނީ ކުޑަކޮށްފައެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

ނަހުލާ ވިދާޅުވީ، އޭވިއޭޝަންގެ ހިދުމަތަަށް ބަލާއިރު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަކުރިއިރު، ހިދުމަތް ދޭ ފަރާތުން ނުވަތަ ވިޔަފާރި ކުރާ ފަރާތުންވެސް ކުރާނީ ފައިދާއަށް ކަމަށާއި، އެހެންކަމުން ރައްޔިތުންވެސް ވިސްނަން ޖެހޭނެ އެއް ކަމަކީ ހިދުމަތުގެ އަގު ކުޑަކުރެވޭނީ ވަކި ވަރަކަށް ކަން ކަމަށެވެ.

“އެއީ ދެކޮޅު ޖެހޭ ކަހަލަ ނިޒާމެއް އަޅުގަނޑުމެން އެބަ ގެންގުޅެން ޖެހޭ. މިހާރު އަގު ކުޑަކޮށްފައި ހުރި ވަރަަށް އަގުކުޑަ ކުރުންވެސް އެއީ ވަރަށް ބޮޑު ޗެލެންޖެއް. އެކަމަކުވެސް ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން އެ ހިދުމަތުގެ އަގު ކުޑަކޮށްފައި އޮތީ” ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ރާއްޖެ މި އޮންނަ ގޮތުން، ކަނޑު ފަތުރުކުރުމުގެ ނިޒާމްގެ ހިދުމަތް ދޭން ބޭނުންވާ ވަރަށް ނުދެވޭ ކަމަށެވެ. އަދި ރަށްތަކުގެ ކުޑަބޮޑު މިނަށް ބަލާއިރު ފެރީގެ ނިޒާމް ބޭއްވުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

“ރާއްޖެއަކީ ޖިއޮގްރެފީ ގޮތުން ރަށްތަކަކަށް ބެހިފައި އޮންނަ ތަނަކަށްވީމަ އަޅުގަނޑުމެން ކަނޑު ފަތުރަށް ބަލާއިރު،….. ރަށްރަށުގެ ކުޑަމިނާއި ބޮޑު މިނަށް ބަލާއިރު، ހަގީގަތުގައި ވަރަށް ބޮޑެތި ދަތިތަކެއް ދިމާވޭ. ހިދުމަތް ދޭން ބޭނުންވާ ފެންވަރަކަށް ނުދެވޭ”. ނަހުލާ ވިދާޅުވިއެވެ.