ފްލައިމީން އައްޑުއާއި ފުވައްމުލަކަށް އުދުހެން މަސައްކަތް ކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވިލާ އެއާއިން ހިންގާ ފްލައިމީގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނުން އައްޑުއާއި، ފުވައްމުލަކަށް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެ އެއާކައިނުން މިއަދު ވިދާޅުވެއްޖެއެވެ.

ފްލައިމީ އިން މިއަދު ވިދާޅުވީ ފުވައްމުލަކާއި އައްޑުއަށް ޝެޑިއުލް ދަތުރުތައް ފެށުމުގެ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މަޝްވަރާތަކުގެ އަދި ކުރިއަށްދަނީ ވަރަށް ފުރަތަމަ މަރުޚަލާ ކަމަށްވާތީ ދަތުރުތައް ފެށޭނެ ދުވަހެއް ދަންނަވަން ދަތި ކަމަށްވެސް އެ އެއާލައިނުން ވިދާޅުވިއެވެ.

އެ އެއާލައިނުން ވިދާޅުވީ، ކޮމާޝަލީ ބަލާނަމަ އައްޑުއާއި، ފުވައްމުލަކަކީ ދަތުރުތައް ފަށަން ވަރަށް މުހިންމު ދެ މަންޒިލް ކަމަށާއި، މިފަހަރު ދަތުރުތައް ފެށޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. އައްޑުއާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ފަށަން ބޭނުންވާކަމަށް އެ އެއާލައިނުން ވަނީ ވިދާޅުވެފައެވެ.

ފްލައިމީން މިހާރު ދަތުރު ކުރަމުންދަނީ އދ.މާމިގިއްޔާއި ބ.ދަރަވަންދޫ އެއާޕޯޓަށް އެކަންޏެވެ. ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އެ އެއާލައިނުން ދެކުނަށްވެސް ދަތުރުތައް ކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދެކުނަށް އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ އެ އެއާލައިނަށް ކާމިޔާބު ވާގޮތް ނުވެފައެވެ.

ފްލައިމީން ދެކުނަށް އުދުހެން މަސައްކަތް ކުރާކަން ހާމަކުރެއްވިއިރު، ރާއްޖޭގައި އަލަށް ޑޮމެސްޓިކް ދަތުރުތައް ފަށާ އެއާލައިން ކަމަށްވާ މަންޓާ އެއާ އިން އަންނަ އޮކްޓޯބަރ މަހު ދަތުރުތައް ފަށާއިރު ފުރަތަމަ ވެސް 20 ރިސޯޓަށް ފަތުރުވެރިން އުފުލަން ފަށާނެ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތައް ބޮޑުވުމަކީ އަބަދުވެސް ދިވެހިން ކަންބޮޑުވާ މައްސަލައެކެވެ. ވާދަވެރި މާކެޓެއްގައި ދަތުރުފަތުރުގެ ކަންކަން ކުރިއަށް ދާން ފެށުމުން އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.