ކޮލަމަފުށީގައި އިބޫ އާއި ދެކޮޅު ހަރަކާތެއް ނުހިންގަން ޕީޕީއެމް އިން ނިންމައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ކޮލަމާފުއްޓަށް ވަޑައިގަތުމާއި ދިމާކޮށް އޭނާ އަށް ހުރަސް އެޅުމުގެ ގޮތުން އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް ކޮލަމާފުށީގައި ހަރަކާތްތެރިވާ ޕީޕީއެމްގެ މެންބަރުން ބުނެފިއެވެ.

މީގެ ދެދުވަސް ކުރިން އެމްޑީޕީ ސަޕޯޓަރުން ނިކުމެ ކޮލަމާފުށީ ޕީޕީއެމް ޖަގަހައަށް ގެއްލުންދީ ޕީޕީއެމްގެ ދިދަތައް ކޮށާލާ ދިދަދަނޑިތައް މޫދަށް އުކާލާފައި ވާތީ ފުލުހުން ވަނީ އިބޫ މިދަނޑިވަޅުގައި ކޮލަމާފުއްޓަށް ވަޑައިނުގަތުމަށް އެދިފައެވެ. ފުލުހުން އެގޮތައް އެދުނީ ހަމަނުޖެހުމެއް ހިނގާ އިތުރު ބަޔަކަށް ގެއްލުންތަކެއް ވެދާނެތީއެވެ.

ނަމަވެސް ކޮލަމާފުށީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އަހްމަދު ނަރީޝް “ވަގުތު” އަށް ބުނީ އިބޫ ކޮލަމާފުއްޓަށް ވަޑައިގަތުމާއި ދިމާކޮށް އިބޫ އާއި ދެކޮޅަށް އެއްވެސް ހަރަކާތެއް އެރަށުގައި ޕީޕީއެމް އިން ކުރިއަށް ނުގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެން އިބޫ އަށް ވެސް އަދި އެމްޑީޕީގެ އެހެން ބޭފުޅުންނަށް ވެސް ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ދޭނަން. އިބޫ މިރަށަށް ވަޑައިގެން މިރަށުގައި ކެމްޕޭން ކުރައްވާފައި ވަޑައިގަންނަވަންވީ. އަޅުގަނޑުމެންގެ ފަރާތުން ފުރިހަމަ އެއްބާރުލުން އެކަމަށް ލިބޭނެ.” ނަރީޝް ބުންޏެވެ.

ގއ.އަތޮޅަށާއި ގދ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި އިބޫ މިއަދު ވަނީ ފުރައިވަޑައިގެންފައެވެ. އިބޫ ކޮލަމާފުއްޓަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ އިން ބުނެއެވެ.

ކޮލަމާފުށީގައި ޕީޕީއެމްގެ ތަކެއްޗަށް ގެއްލުންދިން 18 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.