ނިޕާ ވައިރަސް ފަތުރާ ވާ ރާއްޖޭގައި އުޅޭ، ބަލި ރާއްޖެ އައުމުގެ ފުރުޞަތު އެބަ އޮތް- އެޗްޕީއޭ

އިންޑިޔާގެ ކެރެލާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރާއްޖޭގައި އުޅޭތީ، އެބަލި ރާއްޖެއަށްވެސް އައުމުގެ ފުރުޞަތު އެބަ އޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެ އޭޖެންސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ބައްޔަކީ ޓެރަފޯސް އާއިލާގެ ވާލުން ނުވަތަ ފްރުޓް ބެޓްސްގެ ޒަރީއާއިން ޖެހޭ ބައްޔެއްކަމަށެވެ. އަދި، ބަލި ފެތުރެނީ، މި ބާވަތުގެ ވާލު ކައިފައި މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ވާލުގެ ކުޑަކަމުދާ އެއްޗެއް ޖެހިފައިވާ ކާނާ ބޭނުންކުރުމުންކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، އެބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ބަލި ޖެހުނުކަމުގައިވިޔަސް، ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެކަމުގައެވެ. އެހެންނަމަވެސް، ބަލީގެ އާއްމު އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި، ކަރުތެރެ ސަކަރާތްވުމާއި، ބައެއް މީހުންގެ ސިކުނޑިއަށް ބަލީގެ އަސަރުކޮށްގެން ބޯއެނބުރުމާއި، ހެއަތް ގޮތްވުން އަދި ފިޓުޖެހުން އެކަށީގެންވާކަމަށެވެ.

އެޗްޕީއޭގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ކެރެލާ ސްޓޭޓުގެ ސަރުކާރުން އާއްމުކޮށްފައިވާ ގޮތަށް، އެސްޓޭޓުގެ ކޮޒިކޯޑު، މަލައްޕުރަމާ، ވަޔަނާޑާ އަދި ކަންނަންނޫރަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

މީގެއިތުރުން، މިކަންކަން، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއާއެކު ބަލަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެއިތުރުން، ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުންދާކަމަށް ވިދާޅުވެފައިވެއެވެ.