ރޮހިންޖާ މުސްލިމުންނަށް ފުވައްމުލަކުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފުވައްމުލަކުގައި ހިންގި “ހެލްޕް ރޮހިންޖާ ފުވަންމުލަށް” ހަރަކާތަށް ދެ ލައްކައަށް ވުރެ ގިނަ ރުފިއާ ލިބިއްޖެ އެވެ.

މިޔަންމާ ސަރުކާރުގެ ލާއިންސާނީ ޖަރީމާތަކުން ސަލާމަތް ވުމަށް ބަންގްލަދޭޝްއަށް ފިލަން މަޖުބޫރުވެ، ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފުވަންމުލަކުގައި ފެށި ފަންޑް ރައިޒިން ހަރަކާތް ކަމުގައިވާ “ހެލްޕް ރޮހިންޖާ ފުވަންމުލަށް” އިވެންޓަށް ލިބުނު ފައިސާ ރޭ ވަނީ ގުނާފައެވެ.

މި ހަރަކާތަށް ޖުމްލަ ލިބިފައި ވަނީ 264536.63 ދިވެހި ރުފިއާ އަދި 413 ޑޮލަރު ކަމަށް މި އިވެންޓު އިންތިޒާމު ކުރި ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

މި ފަންޑް ފޮށިތަށް ގުނާ ނިމިފައިވާ އިރު އެހީގެ ގޮތުގައި ލިބުނު ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާއި ހަވާލު ކުރުމަށް ނިންމާފައި ވަނީ އާދީއްތަ ދުވަހު އެވެ.

ގާޑިއަން އެސޯސިއޭޝަނާއި އިންޓަނޭޝަނަލް އެއިޑް ކެންޕެއިން ގުޅިގެން ކުރިއަށް ގެންދިޔަ މި އިވެންޓު އޮޑިޓް ކޮށްފައި ވަނީ ކްރޯ ހޮވަތް މޯލްޑިވްސް އެވެ.

މި ހަރަކާތުގެ ދަށުން ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައި ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑު ފޮށިތައް ބަހައްޓާފައި ވެއެވެ. މީގެ އިތުރުން އެރަށުގެ ހުރިހާ މިސްކިތެއްގެ އިމާމުންގެ އެއް ދުވަހުގެ މުސާރަވެސް ރޮހިންގާ މުސްލިމުންނަށް ވަނީ ހަދިޔާ ކޮށްފަ އެވެ. މި ހަރަކާތާއި ގުޅި އެރަށުގައި ދިރިއުޅޭ ބަގްލަދޭޝްގެ ރައްޔިތުން ވެސް ފަންޑު ފޮއްޓެއް ބަހައްޓާ ފައިސާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި ހަރަކާތުގައި އެ ރަށު ކައުންސިލާއި، 11 ޖަމިއްޔާގެ އިތުރަށް ސުކޫލްތަކާއި، ކޮލެޖް އަދި ރަށުގައި ހިންގާ އޮންލައިން ނޫސްތަކާއި، 10 ކެފޭ އަދި ރެސްޓޯރެންޓުން ދަނީ ވަނީ ބައިވެރިވެފައެވެ.