އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު މަސް ދުވަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން އެކުންފުނިން ވެސް ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން، ޑީސަލް ލީޓަރަކުން 0.53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.57 ލާރި ބޮޑުވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ތެލުގެ އަގަށް ގެނައި ބަދަލާ އެކު މިއަދުން ފެށިގެން އެސްޓީއޯ އިން ޑީސަލް ލިޓަރެއް ވިއްކާނީ 9.17 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.52 ރުފިޔާ އަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލުގެނައީ، ހުސްވި ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. އެފަހަރު ވަނީ، ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ބޮޑުކޮށްފަ އެވެ.

މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރި އެވެ. އެފަހަރު އެކުންފުނިން ވަނީ، ޑީސަލް ލީޓަރަކުން 51 ލާރި، އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފަ އެވެ. އޭރު ތެލުގެ އަގުހެޔޮކުރަން އެސްޓީއޯ އިން ނިންމީ، ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމާ ގުޅިގެންނެވެ.

ޖުލައި މަހު ތެލުގެ އަގަށް ބަދަލު ގެނައުމުގެ ކުރީން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވެސް އަދި ޕެޓްރޯލް ލީޓަރެއް ވެސް ވިއްކަމުން ދިޔައީ 8.95 ރުފިޔާ އަށެވެ.