ތައިލެންޑަށް އަންނަ ރޮހިންޖާ މުސްލިމުން އަނބުރާ ފޮނުވާ ނުލަން އެމްނެސްޓީން ގޮވާލައިފި

މިޔަންމާ ސަރުކާރުގެ އަނިޔާވެރި ޖަރީމާތަކުން ސަލާމަތް ވުމަށް ތައިލެންޑަށް ބޯޓުތަކުގައި އަންނަ ރޮހިންޖާ މުސްލިމުން އަނބުރާ ފޮނުވާ ނުލަން އެމްނެސްޓީ އިން އެގައުމުގެ ސަރުކާރަށް ގޮވާލައިފި އެވެ.

ތައިލެންޑުން ރޮހިންޖާ މުސްލިމް ރެފިއުޖީންނަށް ހިމާޔަތް ނުދޭ ކަމަށް ތުހުމަތުކޮށް އެމްނެސްޓީއިން ރިޕޯޓެއް ނެރެ ބުނެފައި ވަނީ ތައިލެންޑުން އެސަރަހައްދުގެ އެހެން ގައުމުތަކަށް ނަމޫނާއެއް ދައްކައި ރެފިއުޖީންނަށް އެހީ ވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ހިތަށް ނުގެނެވޭނެ ފަަދަ އަނިޔާވެރި ކަމަކުން ސަލާމަތްކަން ހޯދަން ތައިލެންޑަށް އަންނަ ރެފިއުޖީން އަނބުރާ ފޮނުވާ ނުލައި އެމީހުންނަށް ހިމާޔަތް ދޭން އެމްނެސްޓީއިން ވަނީ ގޮވާލާފައެވެ.

ތައިލެންޑުން އެގައުމަށް އަންނަ ރޮހިންޖާ މުސްލިމުން އަނބުރާ ފޮނުވާލަމުންދާ ކަމަށް ތުހުމަތު ކުރެވިފައިވާއިރު ނޮވެމްބަރ މަހު އިތުރު ރޮހިންޖާ މުސްލިމުން ތައިލެންޑަށް ބޯޓުގައި ދަތުރުކުރާނެ ކަމަށް މާހިރުން ލަފާ ކުރެއެވެ. ސަބަބަކީ އެ ދުވަސް ވަރަކީ ކަނޑުގެ މޫސުން ރަނގަޅު ދުވަސްވަރެއް ކަމުންނެވެ.

ތައިލެންޑުގެ ބޮޑު ވަޒީރު ޕްރަޔުތް ޗަންއޮޗާ މި ދިޔަ މަހު ވިދާޅުވީ އެގައުުމަށް އަންނަ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. އަދި އެމީހުން އަނބުރާ ދާން ތައްޔާރު ވުމުން އެމީހުން ފޮނުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް ތައިލެންޑުގެ އަސްކަރީ ޔުނިޓެއް ކަމަށްވާ އިންޓާނަލް ސެކިރިޓީ އޮޕަރޭޝަންސް ކޮމާންޑް އިން މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނީ އެގައުމަށް އަންނަ ރޮހިންޖާ މުސްލިމުން ބަލައިނުގަނެ އަނބުރާ ފޮނުވާލާނެ ކަމަށެވެ.

މިޔަންމާ ސަރުކާރުގެ އަނިޔާވެރި ޖަރީމާތަކުން ސަލާމަތް ވުމަށް އެނެމް ގިނަ ރޮހިންޖާ މުސްލިމުން ހިޖުރަ ކޮށްފައި ވަނީ ބަންގްލަދޭޝް އަށެވެ. އެގައުމަށް މިހާތަނަށް 439000 މީހުން އެތެރެ ވެފައިވާ ކަމަށް ލާފާ ކުރެވެއެވެ.