ދެދުނިޔޭން ކާމިޔާބު އެދޭ ނަމަ ތިބާގެ މަންމައަށް އޯގާތެރި ވާށެވެ. އަޅާލާ ލޯބިދޭށެވެ.

އިންސާނުން މި ދުނިޔެއަށް އަންނަނީ ވަރަށް ގިނަ މަރުޙަލާތަކެއް ކަޑައްތު ކޮށްފައެވެ. މި މަރުޙަލާގެ ތެރެއިން މައިމީހާގެ ބަނޑުގައި އިންސާނާ ހޭދަ ކުރާ މަރުޙަލާއަކީ އެންމެ މުހިންމު މަރުޙަލާއެވެ. ބައެއް ފަހަރަށް މި މަރުޙަލާގައި މައިމީހާ ނުރައްކާތަކާވެސް ކުރިމަތިލާން ޖެހިދެއެވެ. އެހެންކަމުން މައިމީހާ ވެފައިވަނީ އިންސާނާ މި ދުނިޔެއަށް އައުމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލާ ފަރާތަށެވެ. މަންމަގެ ބަނޑުގައި އޭނާ ޤަރުބަގަތީއްސުރެން އޭނާއަށްޓަކައި އެ މަންމަ އުފުލާ ވޭނާއި ކެކުޅުމުގެ އިޙްސާސް އެ މަންމަ ނޫން މީހަކަށް ވަޒަންކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވަޒަން ނުވެސް ކުރެވޭނެއެވެ.

ބައެއް ފަހަރު ދިމާވާ ޙާލަތުގެ ސަބަބުން ދަރިފުޅަށްޓަކައި އެ މަންމަ އަލްވަދާޢު ކިޔާފަވެސް އެބަހުއްޓެވެ.  މަންމަގެ އެތައް އުފާތަކުން މަޙުރޫމްވެ ދަރިފުޅަށްޓަކައި އެތަށް ޤުރުބާނީތަކެއް ވެއެވެ. މާބަނޑު ދުވަސް ވަރު އެކަންޏެއް ނޫނެވެ. އެ މަންމަގެ މުޅި ޙަޔާތުގައެވެ. މަންމަގެ އޯގާތެރި ކަން ނުލިބި ހޭދަވާ ކޮންމެ ސިކުންތަކީ ދަރިފުޅަށް ނިކަމެތިކަން ލިބޭ ވަގުތު ކޮޅެކެވެ. މަންމަގެ ލޯބިން މަޙުރޫމް ވެއްޖެނަމަ ގިނަ ފަހަރަށް އެ ދަރިފުޅަކީ ވަރަށް ނިކަމެތި ކަން ލިބިފައިވާ ދަރިޔަކަށް އޮންނަނީ ވެފައެވެ. އެހެންކަމުން މަންމަ ވެފައި ވަނީ ބައްޕައަށް ވުރެން އެތަށް ގޮތަކުން ދަރިފުޅަށް ލޮތްބާއި އޯގާތެރިކަމާއި އަޅާލުން ދޭ ފަރާތަކަށެވެ.

ނަމަވެސް ސުވާލަކީ މިއަދު ގެ މުޖުތަމަޢުގައި މައިމީހާއަށް އަޅާލާ އެ މައިމީހާއަށް އިހުތިރާމްކޮށް، ލޯބިން ބަހެއް ބުނެލަނީ ކިތަށް މީހުން ބާވައެވެ. މިއަދު މި މުޖުތަމަޢުގައި ފުރާވަރަށް އަރަމުން އަންނަ ގިނަ ކުދިން ދެކޭގޮތުގައި މަންމަމެންނަކީ ކަޓު ޙިޔާލު ގެންގުޅޭ ބައެކެވެ. މަންމަމެން ގެންގުޅޭނީ، މުސްކުޅި ޙިޔާލެވެ. މަންމަމެން އެދޭ ނަސޭޙަތަކީ އެފަދަ ދަރިންގެ އެއްކަންފަތުން ވަދެގެން އަނެއްކަންފަތުން ނުކުމެގެން ދާ އެއްޗެހިއެވެ.

ބައެއް މީހުން ބުނެއެވެ. މަންމަޔަކީވެސް ހަމަ ތިމަންނަ ފަދަ އިންސާނެކެވެ. އެހެންކަމުން ތިމަންނަމެން މަންމަޔަށް ވަކި އިހުތިރާމްކޮށް ކިޔަމަންގަންނަން ޖެހެނީ ކީއްވެ ހެއްޔެވެ.؟ ޝައްކެތްނެތް ނެތެވެ، މާތް ﷲ ސުބުހާނަޙޫ ވަތަޢާލާއަށް ވުރެން އިންސާނުން ދެކެ ލޯބިވެ ވޮޑިގަންނަނަވާ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ވަކިން ޚާއްސަކޮށް އެކަލާނގެ އުފެއްދެވި އިންސާނާއަށް އަޅާލާ އޯގާތެރިވާ އިންސާނުންދެކެ މާތްﷲ ބޮޑަށް ލޯބިވެ ވޮޑިގަންނަވައެވެ. މިދުނިޔޭގައި އެއްވެސް އިންސާނަކު ތިބާ ދެކެ ލޯބި ނުވާވަރަށް ތިބާ ދެކެ ލޯބިވާ ހަމައެކަނި ފަރާތަކީ ތިބާގެ މަންމަކަން ހުރިހާ ކަމެއް މޮޅަށް ދެކެ ދެނެވޮޑިގެންވާ މާތް ﷲ ދެނެވޮޑިގެންވެއެވެ. ތިބާގެ މަންމަޔަށް ވުރެން ތިބާ ދެކެ ލޯބިވާ ހަމައެކަނި ފަރާތަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ އެވެ.

ތިބާގެ މަންމަ ތިބާޔަށްޓަކައި ކުރާ ހުރިހާކަމެއް އެއްމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ މާތް ﷲ އެވެ. ތިބާ އެދޭ ކަންތައްތައް ހާސިލުކޮށް ދިނުމަށްޓަކައި ތިބާގެ މަންމަ އުފުލާ ވޭނާއި ހިތާމައިގެ އިތުރުން ތިބާގެ މަންމަގެ ހިތުގައި ތިބާޔަށްޓަކައި ވާ ލޯތްބާއި އޯގާތެރިކަންވެސް ދެކެ ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އެކަމަށްޓަކައި، އެކަލާނގެ ތިބާގެ މަންމަ ދެކެ ލޯބިވެ ވޮޑިގެންވެއެވެ. އަދި މަންމަގެ ދަރަޖަ މަތިވެރި ކުރެއްވިއެވެ.

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުން މަންމަގެ އިހުސާން ތެރިކަމަށް ޝުކުރު ނުކުރާކަން މާތް ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމައެހެންމެ އަހަރެމެންގެ ތެރެއިން ގިނަ މީހުން މަންމަޔަށް ނުކިޔަމަންތެރިވެ ބޮޑާވެގެން ވާކަންވެސް މާތް ﷲ ދެނެވޮޑިގެންވެއެވެ. އެހެންކަމުން މާތް ﷲ އަހަރެމެންނަށް އަމުރުކުރައްވަނީ މަންމަޔަށް ހެޔޮކޮށް ހިތުމަށާއި، ކިޔަމަންތެރިވުމަށެވެ. މިކަމުގައި އަހަރެމެންނަށް އިރުޝާދު ދެއްވުމުގެ ބަދަލުގައި، އައިސްފައިވަނީ އަމުރެކެވެ. މިކަމުންވެސް ދޭހަވެގެންދަނީ މަންމަޔަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިންމު ކަމެވެ. އެހެންކަމުން، ﷲ އަމުރުފުޅަށް ކިޔަމަންވެ މަންމަޔަށް އޯގާތެރިވެ ހެޔޮކޮށް ހިތުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތެވެ. މި އަމުރަށް ކިޔަމަންތެރިވުމަށް ހިތްވަރު ދެއްވުމުގެ ގޮތުން ﷲ ވަނީ ކިޔަމަންތެރިވި އަޅުންނަށް ސުވަރުގެ ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހަމައެއާއެކު މަންމަގެ ހިތުގައި ޖައްސައި، މަންމަޔަށް އަޑުލާ، ނުކިޔަމަންތެރިވި މީހުންނަށް ގަދަފަދަ ވެގެންވާ އަޒާބު ދެއްވާނެކަމުގެ އިންޒާރުވެސް މާތް ﷲ ވަނީ ދެއްވާފައެވެ.

މަންމަޔަކީ މި ދުނިޔެމަތީގައި އަހަރެމެން އެންމެ އިޙުސާންތެރިވާން ޖެހޭ ފަރާތެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. މަންމަގެ ބަނޑުގައި އަހަރެމެން ވީ 9 މަސްދުވަހު މެދުކެނޑުމެއްނެތި އެ މަންމަ އުފުލި ބުރައާއި ވޭނާއި ތަދު އެއީ އެހެންވެސް ފަރާތަކަށް އުފުލޭވަރުގެ ވޭނަކަށް ނުވެއެވެ. މި 9 މަސްދުވަހު އަހަރެމެންނައްޓަކައި ނުކައި، ރޭގަނޑު ލޮލުފިޔަ ޖަހާނުލައި ހުންނަން ޖެހުނު ނަމަވެސް މަންމަމެން އެކަންތަށް ކުރަނީ ހިނިތުން ވުމާ އެކީއެވެ. އަހަރެމެން ތުއްތު އުމުރުގައި އެ މަންމަގެ ކޮންމެ މިނިޓެއް ހޭދަކޮށްފައިވަނީ އަހަރެމެންގެ ޙިދުމަތުގައެވެ. ކުޑަވެސް ގެއްލުމެއް ނުދީ ރައްކާތެރިކަމާއެކު ބެލެހެއްޓުމަގައެވެ. އަހަރެމެން ނިދީމަ ނޫނީ ނުނިދާ، ކެއީމަ ނޫނީ ނުކައިި، އެ މަންމަ އުޅެއެވެ.

ބައެއް ދުވަސް ދުވަހު މުޅި ދުވާލާއި ރޭގަނޑު އަހަރެމެންގެ ރުއިން ހުއްޓުވުމުގައި، ކެތްތެރިކަމާއި ލޯތްބާއެކު އަހަރެމެންގެ ގައިގައި ފިރުމާދީ ނާނާ ކިޔާދޭން އެ މަންމަ ހުރެއެވެ.އަހަރެމެންނަށް ހިނގަން ދަސްކޮށްދީ ވާހަކަ ދައްކަން ދަސްކޮށްދީ އުޅެންވާ ގޮތް ދަސްކޮށްދީ ހަދައެވެ.އަހަރެމެން ބަލިވެއްޖެނަމަ ޑޮކްޓަރަށް ގޮސް، ބަލި ރަނގަޅުވަންދެން ހުރިހާކަމެއްގައި ހުރިހާ ވަގުތެއްގައިވެސް އުޅެނީ މަންމައެވެ. އަހަރެމެން ކޮންމެ ގޮތަކަށް މަންމަޔާ މެދު ކަންތައް ކުރިޔަސް، ކޮންމެ ގޮތަކަށް އުޅުނަސް އަހަރެމެން ދެކެ އަބަދުވެސް ލޯބިވާ މީހަކީ ހަމަ މަންމައެވެ.

އަހަރެމެންގެ މަންމަ އަހަރެމެންނަށް ކޮށްދީފައިވާ ކަންތައްތަކުގެ ތެރެއިން މީ ބަޔާންކޮށްދެވުނީ އަދި ވަރަށް މަދު މިންވަރެކެވެ. އަހަރެމެންނަށް އެނގުމެއް ނުވާ ކިތަންމެ ކަމެއް ކޮންމެ ދުވަހަކު އަހަރެމެން އެ މަންނަ ކޮށްދެއެވެ. މިދުނިޔޭގެ އެކަކުވެސް އަހަރެމެންނާ މެދު ނުވިސްނާ ވަރަށް ވިސްނާ، ހިތުގެ އެއްމެ ފުންމިނުން އަހަރެމެންގެ ކަންތައްތަކާ ކަންބޮޑުވާ ހަމައެކަނި އިންސާނަކީ ހަމަ އަހަރެމެންގެ މަންމައެވެ.

ކީރިތި ގުރުއާނުގައި އެތަކެއް ފަހަރު މަންމަޔަށް ކިޔަމަންތެރިވުމަށާއި އޯގާތެރިވުމަށް އަހަރެމެންގެ މައްޗަށް މާތް ﷲ އަމުރުކުރައްވާފައިވެއެވެ. ވަކީން ހާއްސަކޮށް މައިން ބަފައިން މުސްކުޅިވާދުވަހު، އެމީހުންނަށް ހެޔޮކޮށް ހިތުމަށް މާތް ﷲ އަމުރުކުރެއްވިއެވެ. އަދި އެދެމީހުންގެ ކުރިމަތީގައި ބާރަށް އަޑުލައި ވާހަކަ ނުދެއްކުމަށާއި، ރިވެތި މާތް ބަހުން އެދެމީހުންނާއި މުޚާތަބުކުރުމަށް އެކަލާނގެ އެންގެވިއެވެ. މީގެ އިތުރުން މައިންބަފައިންނަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުއާކުރުމަށް އެކަލާނގެ އެންގެވިއެވެ.

ވިސްނާށެވެ! ތީގެ ތެރެއިން މި ރިޕޯޓް ކިޔާ އެއްވެސް މީހަކަށް މަންމަޔާ މެދު އިހާނެތިކޮށް ކުޑަ ކަމެއް ވިޔަސް ކުރެވިފައިވާނަމަ މަންމަގެ ކިބައިން އަވަހަށް މަޢާފަށް އެދޭށެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުންނެވެ.