ފަތަން ނޭގޭ މީހާ ނަވަކަށް ލައި ފުރުވާލިފަހުން ފުވައްމުލައް ފަޅުނުވާ ވާހަކަ ..

ފުވައްމުލަކު ސިޓީ) އޭރާއި މިހާރަށް ބަލާއިރު ދިވެހިން ޤަބޫލުކުރާ، އަދި ޤަބޫލުކުރި ކަންތައްތައް ވަރަށް ތަފާތެވެ. ތާރީހީ ފަތްފުތްތަކުން މިކަން ސާބިތުވާއިރު، ދިވެހިންގެ ތާރީހު ދިވެހިންގެ އަތްމަތިން ގެއްލި ފުލޯކަށްވެގެން ދާން ވަނީ ފަށާފައެވެ. އެހެންކަމުން މިއަދު ގިނަ ބަޔަކަށް އެ ވާހަކަތަކަކީ ޤަބޫލުކުރާންވެސް ދަތި ހެއްވާ ވާހަކަތަކަށް މިވަނީ ވެފައެވެ. މިފަދަ ވާހަކަތަކަކީ އާންމުކޮށް ލިޔެ ރައްކާ ކުރެވިފައި ހުންނަ ވާހަކަތަކަށް ނުވާތީ ކަމަށް ވެދާނެއެވެ.

ޏ. އަތޮޅު ފުވައްމުލަކަކީ ދިގު ތާރީހެއް އޮތް ރަށެކެވެ. މީލާދީގޮތުން 12 ވަނަ ގަރުނުގެ ކުރިން ފުވައްމުލަކުގައި މީހުން ދިރިއުޅެފައިވާކަމުގެ ހެކި މިއަދާއި ހަމައަށްވެސް ފެންނާންހުރިއިރު، 1800 ގެ ކުރީކޮޅުގައިވެސް މިރަށުގައި 350 އަށްވުރެ ގިނަ މީހުން ދިރިއުޅުނުކަމަށްވެއެވެ. އެހެން ނަމަވެސް އެކި ފަހަރުމަތިން މިރަށް ފަޅުވެފައިވާކަންވެސް ތާރީހުން އެނގެއެވެ. އެހެން ނަމަވެސް އޭގެ އަދަދާއި ބެހޭގޮތުން އެކި މީހުންގެ ހިޔާލު ތަފާތެވެ. ބައެއް މީހުން މިރަށް 4 ފަހަރު ފަޅުވި ކަމަށް ބުނާއިރު، އަނެއްބަޔަކު ބުނަނީ ރަށް ފަޅުވީ 3 ފަހަރެއްގެ މަތިން ކަމަށެވެ.

ފުވައްމުލަކު - ވަގުތު އިމޭޖަސް: އަމީން ފަހުމީ
ފުވައްމުލަކު – ވަގުތު އިމޭޖަސް: އަމީން ފަހުމީ

ތުންތުން މަތިން ދެކެވޭ ވާހަކަތަކަށް ބަލާއިރު މިރަށް ފަޅުވުން ގިނަ ފަހަރަށް ގުޅިފައި އޮތީ ރަށުގައި ފެތުރޭ ހުމެއް ނުވަތަ ރޯގާއަކާއެވެ. ޖިއޮގްރަފީގެ ގޮތުން ބަލައިލާއިރު މިކަމަށް ބާރުދޭ ހެކިތަކެއް އެބަހުއްޓެވެ. ފުވައްމުލައް އުފެދިފައިވާ ގޮތަށް ބަލާއިރު، ކަޑިންމަ ބެދުމުގެ ސަބަބުން ވިލުތެރޭގައި މަސްތައް މަރުވެ ކުނިވާނެކަމީ ހަމަޔަގީނުން ހިގާފައި ހުންނާނެ ކަންތަކަށްވާއިރު، އެފަދަ ޒަމާނެއްގައި އެކަމުގެ އަސަރު ރަށުގައި އުޅޭ މަދު މީހަކަށް ނުކޮށް ނުދާނެއެވެ. ބަލިމަޑުކަން ފެތުރެންދިމާވާ ސަބަބެއްގެ ގޮތުގައި މިއީ ގިނަ ބަޔަކަށް ޤަބޫލުކުރެވޭ އެއް ސަބަބެވެ. މި ލިއުމުގައި މި ބަލައިލަނީ މިރަށް އެންމެ ފަހުން ފަޅުވެފައި އޮތުމަށްފަހު އާބާދުވި ގޮތާއިމެދު ތާރީހު ދިރާސާކުރައްވާ ގިނަ ބޭފުޅުން އިއްތިފާގުވާ ވާހަކައަކަށެވެ.

ސީދާ ތާރީހެއް އެނގެން ނެތް ކަމުގައިވީނަމަވެސް، 1800 ގެ ކުރީގެ އަހަރުތަކުން އަހަރެއްގައި ރަށުގައި ފެތުރުނު ބަލިމަޑުކަމެއްގެ ސަބަބުން އެންމެން އެކި ތަންތަނަށް ފުރައިގެން ދިއުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ރަށް ފަޅުވެފައި އޮތެވެ. މިރަށް ފަޅުވުމާއި ރޫހާނީ ކަންކަމާއި ވެސް ގުޅިފައިވާ ކަމަށް ބައެއް މީހުން ޤަބޫލުކުރިއިރު، އެގޮތަށް ފަޅުވެދާނެކަމުގެ ބިރު އޮތުމާއެކު މިރަށުގައި ވަޒަންވެރިވުމުގެ ވިސްނުމެއް ކުރީގައި ރަށުގައި ދިރިއުޅުނު މީހުން ނުގެންގުޅޭ ކަމަށް ބުނެވެއެވެ.

ފުވައްމުލަކު - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ފުވައްމުލަކު – ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ރަށް ދޫކޮށްފައި ފުރައިގެންދާ މީހުންގެ ތެރެއިންވެސް ސަލާމަތްވަނީ މަދުބައެކެވެ. އެއީ އަނބުރާ މިރަށަށް މީހުން އަންނާން ބޭނުންނުވާ އެއް ސަބަބު ކަމުގައި ވެދާނެއެވެ. މިރަށުން ފުރައިގެން ބޮޑެތޮ މާކަނޑުތައް ހުރަސްކޮށްފައި ނޫން ގޮތަކަށް ހިކިފަސް ތަނަކަށް ދެވޭކަށް ނޯވެއެވެ.

ޔަޤީންކަމާއެކު އައްޑޫ އަތޮޅު މީދުއަށް މިރަށު މީހުން ދިޔަކަން މީދޫގެ ތާރީހުން އެނގެން އޮތްއިރު، މީދޫއަށް ދިޔަ ދޯނިފަހަރުތަކުގައި ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ތިއްބެވެ. މަރުނުވެ ތިބި މީހުން ތިބީ ގަދަފަދަ ހުމެއްޖެހި، ހާލު ދެރަވެފައެވެ. މިގޮތަށް މަރުވެގެން ގެނެވުނު ހުރިހާ މީހުން ވަޅުލެވިފައިވަނީ މީދޫގެ “މާކަންމަތި” ކިޔާ ޞަރަޙައްދުގައެވެ. އެތަނަށް ފުވައްމުލަކު މީހުންކިޔައި އުޅެނީ ‘މުލަކު ކައްބިން’ އެވެ. އެތަނަކީ ކޯގަންނު ގަބުރުސްތާނުގެ ހުޅަގު ފަރާތުގައިވާ ވަކި ހާއްސަ ސަރަހައްދެކެވެ. މިތަން މިހާރުވެސް އެނގެން އެބައޮތެވެ.

ކޯގަންނު ގަބުރުސްތާނު - ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ
ކޯގަންނު ގަބުރުސްތާނު – ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

އެންމެ ފަހުން މިރަށް ފަޅުވި ފަހަރުގައި ހުވަދޫ އަތޮޅަށް ފުރައިގެންދިޔަ މިރަށު އަންހެނަކު ހުވަދޫގެ ފަނޑިތަވެރިޔަކާއި ކައިވެނިކޮށްގެން ރަށް އާބާދުކުރުމަށް މިރަށަށް އައި ކަމަށްވެއެވެ. އޭރުގައި ފަންޑިތައަކީ ދިވެހިންގެ ތެރޭގައި އޮންނަ ޤަބޫލުކުރުންތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މިދެމަފިރިންނާއެކު ފުވައްމުލަކުން ފުރައިގެންދިޔަ ބައެއް މީހުންވެސް އެރަށަށް އަނބުރާ ހިޖުރަކުރި ކަމަށްވެއެވެ.

މިރަށުގެ ތާރީހު ދިރާސާކުރައްވާ ބޭފުޅުން ބުނާގޮތުގައި، ތިންރޭ ތިން ދުވާ ވަންދެން ރަށުތެރޭގައި އެދުރުބޭ ކިޔެވެލިތަކެއް ކިޔެވުމަށްފަހު އެހެލާފައިވާ ނަވެއް މޫދަށް ބޭލިއެވެ. އަދި ރަށުގައި އޭރުގައި ތިބި މީހުން އެއްތަނަކަށް އެއްކޮށް އޭގެތެރެއިން ފަތަން ނޭގޭ މީހުން ނަވަށް އެރުމަށް އަމުރުކުރުމުން ނަވަށް އެރީ އެންމެ މީހެއް ކަމުގައި ވެއެވެ.

ފުވައްމުލަކު - ވަގުތު އިމޭޖަސް: އަމީން ފަހުމީ
ފުވައްމުލަކު – ވަގުތު އިމޭޖަސް: އަމީން ފަހުމީ

ރަށަށް ދިމާވެފައިވާ ކަމަކީ އެއީ ކަމަށް ބުނެ މުދިންބެ އެ ނައުގެ ވާތައް ކަނޑައި، އޮޔާއި ދާން ދޫކޮށްލުމަށްފަހު ބުނި ކަމަށްވެއެވެ، “މިރަށަށް ދިމާވި މުސީބާތުން މިރަށް ސަލާމަތްވީ”އެވެ. އޭގެ ފަހުން ފުވައްމުލައް ފަޅުވެފައި ނުވާކަމަށް ބުނެ އުޅެއެވެ.

“ވަގުތު” އިން ފުވައްމުލަކަށް ކުރި “ވަގުތު ހޭރިޔާ” ދަތުރުގެ ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް، އެމްއެކްސް ސައިން، ފައިސަލް ފައުންޑޭޝަން އަދި ރޯޔަލް ރެސްޓޯރެންޓް އެވެ.

ނޯޓް : މިއީ ވަގުތު އޮންލައިން އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.