އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ރައީސް ސޯލިހު ތާއިދެއް ނުކުރައްވާނެ: ރައީސް މުހައްމަދު ނަޝީދު

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވާ އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތާއީދު ނުކުރައްވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން މާލޭގައި ޕޯސްޓަރު ހަރުކުރަން ފެއްޓެވުމުގެ ގޮތުން މިއަދު ހެނދުނު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

‘ރައީސް ޞާލިހެއްވެސް އަޅުގަނޑެއްވެސް ނޭދޭނެ އެމްޑީޕީ ކެންޑިޑޭޓް ނޫން ކެނޑިޑޭޓަކަށް އެމްޑީޕީ މެމްބަރުން ވޯޓު ދިނުމަކަށް. އެނޫން ގޮތަކަށް ދައްކާ ހުރިހާ ވާހަކަތަކަކީ ބާތިލް ދޮގު ވާހަކަ. ރައީސް ޞާލިޙް މި ޕާޓީގެ ކެނޑިޑޭޓް ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދެއް ނުކުރައްވާނެ. އިރާދަކުރެއްވިއްޔާ ކަން ހިނގަމުންވެސް މިދަނީ އަޅުގަނޑު މިދެންނެވި މަގުން،” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕާޓީގެ މެމްބަރުންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންވެސް އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ދީގެން ކަމަށެވެ.

ރައީސް ސޯލިހު ތާއިދު ކުރައްވާ ކެންޑިޑޭޓު ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތް ނުވާ ބައެއް ފަރާތްތަކުން ވާހަކަ ދައްކާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ އެއީ ހުސް ދޮގު ކަމަށެވެ. އަދި ރައީސް ސޯލިހުއޭ ކިޔައިގެން ތަންތަނުގައި ވާހަކަ ދެއްކުން އެންމެ އައުލާކަން ބޮޑީ އެމަނިކުފާނު ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕެއިން ސޮލޯގަން “އެޖެންޑާ19″ގައި ހިމެނެނީ މައިގަނޑު 19 ގާނޫނީ އޮނިގަނޑެއް ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އޭގެން ކޮންމެ ގާނޫނީ އޮނިގަޑެއްގައި ބައިވަރު ގާނޫނުތައް އެކުލެވިގެންވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙާއި ގުޅާ ގޮތުން ނުވަތަ އެމަނިކުފާނު ވިދާޅުވި ކަމަށް ބުނެ ވާހަކަ ދެއްކުން އެއްމެ އައުލާކަން ބޮޑު ފަރާތަކީ އެމަނިކުފާނު ކަމަށާއި، ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަ ފަތުރާ ގޮތަށް ރައީސްގެ ބަސްފުޅު ނުހުންނާނެ ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅަން ހަމަޖެހިފައިވާ އިސްލާހާ ގުޅޭގޮތުން ކުރީގެ ނާއިބު ރައީސް ޖަމީލް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ އިސްލާހަށް އެއަށްވުރެ ރަނގަޅު ގޮތެއް ހޯދައިދޭންޖެހޭނެ ކަމަށެވެ.

”ވިދާޅުވެ ދެއްވަބައްލަވާ ދެން މިއަށް ވުރެ ރަނގަޅު ގޮތެއް. އަޅުގަނޑުމެން މިދަންނަވަނީ މިދިޔަ ބާރަ ފަނަރަ އަހަރު މިޕާޓީއަށް ލިބިފައިވާ ތަޖުރިބާއާއި އަޅުގަނޑމުންނަށް ފެނިފައިވާ ތަނާއި ކުރެވިފައިވާ ލިބިފައިވާ ކިތަންމެ ފިލާވަޅެއްގެ މައްޗަށް ބިނާކޮށް،” ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު ދަންނަވާލަން ބޭނުން ޑރ. ޖަމީލް އަރިހުގައި ވިދާޅުވެދެއްވަ ބައްލަވާށޭ އެޖެންޑާ19 ކަމުނުދާކަމަށް ތިޔަ ވިދާޅުވަނީ ޝަރުއީ ނިޒާމް އިސްލާހުކުރުމުގައި ދެން އޮތް އަނެއް ގޮތަކީ ކޮބައިތޯ އޭ،”