އީރާނުން ވަރުގަދަ މިސައިލެއް ޓެސްޓުކޮށްފި، އެތައް ޤާބިލުކަމެއް މި މިސައިލަށް ލިބިގެންވޭ

ދުނިޔޭގެ ބައެއް ޤައުމުތަކުން އެކަހަރި ކޮށްލާފައި އޮންނަ އެހެންނަމަވެސް، ދިފާއީ ގޮތުން އެންމެ ވަރުގަދަ އެއް ޤައުމުކަމުގައިވާ އީރާނުން، ވަރުގަދަ މިސައިލެއް ޓެސްޓުކޮށްފިއެވެ. 1979 ވަނަ އަހަރު އެޤައުމަށް ގެނައި އިސްލާމީ އިންގިލާބުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓެސްޓު ކޮށްފައިވަނީ ކްރޫޒް މިސައިލެކެވެ.

އެޤައުމުގެ ދިފާއީ ވަޒީރު، އާމިރު ހަތާމީ އިއްޔެ ވިދާޅުވީ މި މިސައިލުގެ ޓެސްޓުތައް ކާމިޔާބު ކަމާއެކު ކުރެވިފައިވާކަމަށެވެ.  1200 ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް މިސައިލު ކާމިޔާބުކަމާއެކު ދަތުރުކޮށް، އަމާޒަށް ވާސިލުވިކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ހަތާމީ ވަނީ މި މިސައިލަށް ލިބިފައިވާ ގާބިލްކަމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިއީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލޯންޗު ކުރުމަށް ތައްޔާރު ކުރެވޭނެ މިސައިލެއްކަމަށާއި އަދި ވަރަށް ތިރިންވެސް މި މިސައިލަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާކަމަށް ވިދާޅުވިއެވެ.

ހޮވައިޒާގެ ނަމުން މި މިސައިލަށް ނަން ދީފައިވާއިރު ކަމާ ބެހޭ އެހެން ފަރާތްތަކުން ހާމަކޮށްފައިވާގޮތުން މިސައިލަށް ބޭނުންވާ ހުރިހާ ބައިތަކެއް އީރާނުގައި ތައްޔާރު ކުރެވޭނެކަމަށާއި އަދި މިހާރު ގިނަ އަދަދެއްގެ މިސައިލާއި ހަތިޔާރު ތައްޔާރުކުރުމުގެ ޤާބިލުކަން އެޤައުމަށް ލިބިފައިވާކަމުގައެވެ.

ދުނިޔޭގެ ބާރުތަކާއެކު 2015 ވަނަ އަހަރު ނިއުކްލިޔާ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހުވެސް، އީރާނުން ދަނީ އެޤައުމުގެ މިސައިލް ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަމުންނެވެ. އެހެންނަމަވެސް، އެކަމާ ގުޅިގެން އެމެރިކާ އޮންނަނީ ހިތްހަމަނުޖެހިފައެވެ. އަދި ފަހުން އެމެރިކާއިން އެޤައުމަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އެޅިއެވެ.

މިކަމާ ގުޅިގެން އީރާނުން ބުނަމުން ދަނީ މިސައިލުތައް ތަރައްގީކުރުމުގެ ކަންކަން ކުރަމުން ދަނީ ވެފައިވާ އެއްބަސްވުންތަކާ ޚިލާފު ނުވާ ގޮތެއްގެ މަތީންކަމަށެވެ.

އިޒްރާއިލު ނައްތާލާނެކަމުގެ އިންޒާރު އީރާނުން ދީފައިވާއިރު އެޤައުމުން ދަނީ އެސަރަޙައްދަށް ފޯރާވަރުގެ މިސައިލު އުފެއްދުމަށް އިސްކަން ދެމުންނެވެ.