ސެމީގައި ބާސާ އާއި ރެއާލްގެ ކުރިމަތިލުމެއް
ސްޕެނިޝް ކަޕްގެ ސެމީފައިނަލްގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ސެމީ އަށް ބާސާ ދަތުރުކުރީ ކުއާޓާފައިނަލްގައި ސެވިއްޔާ ބަލިކުރުމަށްފަހުއެވެ. އަދި ރެއާލް ސެމީ އަށް ދަތުރުކުރީ ކުއާޓާގައި ޖިރޯނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި ދެ ޓީމު ބައްދަލުކުރާ ސެމީގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެރޭ ބާސާގެ ދަނޑުގައެވެ. އަދި ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ފާއިތުވި ހަތަރު އަހަރުވެސް ސްޕެނިޝް ކަޕް ބާސާ އިން ކާމިޔާބުކޮށްފައިވާއިރު، ރެއާލް އަށް މި މުބާރާތް އެންމެފަހުން ކާމިޔާބުކުރެވުނީ 2014 ވަނަ އަހަރުއެވެ. އެފަހަރު ރެއާލް އިން މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ބާސާ ބަލިކުރުމަށްފަހުއެވެ.
ސްޕެނިޝް ކަޕް ސެމީގައި ބާސާ އާއި ރެއާލް ބައްދަލުކުރަން ޖެހުނުއިރު، މި ސީޒަނުގެ ކުރީކޮޅު މި ދެ ޓީމު ވަނީ ސްޕެނިޝް ލީގުގައި ބައްދަލުކޮށްފައެވެ. އެ މެޗު 1-5 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ ބާސާ އިންނެވެ.
ސްޕެނިޝް ކަޕްގެ ސެމީގެ އަނެއް މެޗުގައި ބައްދަލުކުރާނީ ވެލެންސިޔާ އާއި ރެއާލް ބެޓިސްއެވެ.