“ހޮބްސް އެންޑް ޝޯ”ގެ ފުލް ޓްރެއިލާ ދައްކާލައިފި

“ހޮބްސް އެންޑް ޝޯ” އަކީ “ފާސްޓް އެންޑް ފިއުރިއަސް” ފްރެންޗައިޒްގެ ފުރަތަމަ ސްޕިންއޮފް ފިލްމެވެ.

މި ފިލްމްގެ ފުރަތަމަ ޓްރެއިލާ މިއަދު ނެރެފައިވާއިރު، ޓްރެއިލާ އިން ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެންދާ ދެ ތަރިން ލޫކް ހޮބްސް (ޑްވޭން ޖޯންސަން) އާއި ޑެކާޑް ޝޯ (ޖޭސަން ސްޓެތަމް) ފެނިގެންދެ އެވެ. ހޮބްސް އާއި ޝޯ އެކުގައި މަސައްކަތް ކުރަނީ ބައިނަލްއަޤްވާމީ ޓެރަރިސްޓު ލީޑަރު އިދްރީސް ބްރިކްސްޓަން (އިދްރީސް އެލްބާ) ހައްޔަރު ކުރުމަށެވެ.

މީގެ ކުރިން ޖޭސަން ސްޓެތަމް ‘އެންޓަޓެއިންމެންޓް ވީކްލީ’ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި މި ފިލްމް ވެގެންދާނީ “ފާސްޓް އެންޑް ފިއުރިއަސް” ފްރެންޗައިޒް އަށްވުރެ މަޖާ ފިލްމަކަށް ކަމަށެވެ.

މިއީ ވިން ޑީސެލް އާއި ނުލައި އުފައްދާފައިވާ ފުރަތަމަ “ފާސްޓް އެންޑް ފިއުރިއަސް” ފްރެންޗައިޒްގެ ފިލްމެވެ.

މި ފިލްމްގެ ޓީޒާ އަދި ފުރަތަމަ ޕޯސްޓަރ އިއްޔެ ފައްކާލާފައިވާއިރު، ފޭނުން ލަފާކުރީ ރަސްމީ ފުލް ޓްރެއިލާ ދައްކާލާނީ ފެބްރުއަރީ ތިންވަނަ ދުވަހު ދައްކާ ސުޕާ ބޯލްގައި ކަމަށެވެ.

“ހޮބްސް އެންޑް ޝޯ” ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އެވެ.