ދެ ދުވަސް ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރަނީ

ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން ނިންމަވާފައިވާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެެއެވެ.

މިކަން އިއުލާން ކުރެއްވީ މިއަދު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސް އެއްގައެވެ.

އެގޮތުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަށް  މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަންއިން ކުރަން ޖެހޭ ކަންތައްތައް ނިމިފައިވާ ކަމަށެވެ. އަދި ރައީސް ޞޯލިހުގެ ވައުދާއި އެއްގޮތަށް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރާނެ ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

“ދަންނަވަން އޮތީ އަޅުގަނޑުމެން ސިވިލް އޭވިއޭޝަން އިން ކުރަން ޖެހޭ މަސައްކަތް ނިމިފައޭ އޮތީ. އަޅުގަނޑުމެންގެ މަސައްކަތްތައް ނިމިފައި އޮތަސް ކަމާބެހޭ އެހެން މިނިސްޓްރީތަކާއި އެހެން  ކޮމްޕެނީތަކާއި ވާހަކަ ދެކެވި އިތުރަށް ހެޔޮ ބަދަލެއް ގެނެވޭތޯ އަޅުގަނޑުމެންގެ ވިސްނުން ހުރީ” މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

“60 އިންސައްތަ މަސައްކަތް ނިމިފައި އޮތީ. އެހެންމަ 30 ދުވަހުގެ ވައުދުގެ ތެރޭގައި މިއޮތް ކަންތައްތަކުގެ ތެރޭގައި ވާ ހަ ކަންތަކުގެ ތެރެއިން ފަސްކަންތައް ނިމި ހަވަނަ ކަންތައް އެއީ އުދުހުންތައް، އުދުހުންތަކުގެ 60 އިންސައްތަ މަސައްކަތް ނިމިފައި އޮތީ. އެހެންކަމުން އުންމީދުކުރަނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެއްކޮށް އެކަންތައް ނިންމާލެވިގެން ޕްރެސްއަށް މައުލޫމާތު ދެވޭނެ ކަމަށް” މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ އެެތެރޭގެ އަގުތައް އިއުލާން ކުރިޔަސް އެކަންކަން ތަންފީޒުވުމަށް ދެތިން ހަފްތާ ވަރު ނަގާނެ ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި  ހިމެނޭ ކަމެއްވެސް މެއެވެ.