“ޝާރކް އައިލެންޑް” ގެ ގޮތުގައި ފުވައްމުލައް ސިޓީ އިޝްތިހާރު ކުރަނީ

ފުވައްމުލައް ސިޓީ މިޔަރުގެ ރަށް ނުވަތަ “ޝާރކް އައިލެންޑް” ގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި ޕްރޮމޯޓްކުރަން ފަށައިފިއެވެ.
މީގެ 2 އަހަރެއްހާ ދުވަސް ކުރިން ފުވައްމުލަކުގައި އުފެއްދި ފުވައްމުލައް ޑައިވްއިން ފުރަތަމަ ފަހަރަށް މިޔަރުގެ ރަށް ނުވަތަ “ޝަރކް އައިލެންޑް” ގެ ގޮތުގައި ފުވައްމުލައް ޕްރޮމޯޓްކުރަން ފެށިނަމަވެސް މިހާރު ފުވައްމުލަކުގެ އެހެން ގެސްޓްހައުސް ތަކުންވެސް ފުވައްމުލައް ސިޓީ މާކެޓް ކުރަނީ “ޝާކް އައިލެންޑް” ގެ ގޮތުގައެވެ.

“ޝާރކް އައިލެންޑްގެ ގޮތުގައި ފުވައްމުލައް ޕްރޮމޯޓްކުރާ ފަރާތުން ބުނެފައިވާ ގޮތުގައި މި ގޮތަށް ފުވައްމުލައް ސިޓީ މާކެޓް ކުރަން ފެށުނީ ފުވައްމުލައް ސިޓީގައި ރާއްޖޭގެ އީކުއޭޓަރ ހިސާބުގައި އެހެން އެއްވެސް ރަށަކުން ނުފެންނަ ވަރަށް ތަފާތު ވައްތަރުގެ މިޔަރު ފެންނާތީ ކަމަށެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ވަށައިގެންވާ މޫދުން މިޔަރުގެ ބާވަތްތައްކަމަށްވާ ޓައިގަރ ޝާކްއާއި، ސިލްވަރ ޓިޕް ޝާކްއާއި، ހެމަރ ހެޑް ޝާކްގެ އިތުރުން ތްރެޝަރ ޝާކާއި، ވޭލް ޝާކް ވެސް ފެންނަމަކަމަށް ފުވައްމުލަކު ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުން މައުލޫމާތުދެއެވެ.

ފުވައްމުލައް ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކުން ބުނީ 2011 ވަނަ އަހަރު ތެރޭގައި “ސަދަން މޯލްޑިވްސް ޑައިވް އެކްސްޕެޑިޝަން” ގެ ތެރެއިން ފުވައްމުލަކު ވަށައިގެންވާ މޫދުގައި މިޔަރު ގިނަކަން ފާހަގަކުރެވި، އެހެން އެއްވެސް ހިސާބަކުން ނުފެންނަވަރަށް މަޑީގެ ބާވަތެއްކަމަށްވާ އޯޝަނިކް މަންތާ ފުވައްމުލަކު ވަށައިގެންވާ މޫދުގައި އުޅޭކަން ފާހަގަކުރެވިފައިވާކަމަށެވެ.

ފުވައްމުލައް ސިޓީގައި ޑައިވް ކުރާ ފަރާތް ތަކުން ބުނީ ދުނިޔެއިން މަދުންނޫނީ ނުފެންނަ 7 ބާވަތުގެ މިޔަރު ފުވައްމުލަކު ވަށައިގެންވާ މޫދަށް އެއްފަހަރު ފީނާލުމުންވެސް ފެންނަކަމަށެވެ. ރާއްޖެއަށް ލޯކަލް ޓޫރިޒަމް ތައާރަފްވުމަށްފަހު ފުވައްމުލައް ސިޓީގައި 4 ޑައިވިންގ ސެންޓަރ އަދި 5 ގެސްޓްހައުސް ގެންދަނީ ހިންގަމުންނެވެ. ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ފުވައްމުލަށް ޕްރޮމޯޓްކުރުމަށް ފުވައްމުލަކަކީ “ޝާރކް އައިލެންޑް” އެއްގޮތުގައި ޕްރޮމޯޓްކުރަމުންދާއިރު މިސިޓީގައި ފުޅާދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރަމުންދާ “އީކުއޭޓަރ ރެސިޑެންސް” ވަނީ ރީބްރޭންޑްކޮށް “ޓައިގަރ ޝާކް ރެސިޑެންސް” ގެ ނަމުގައި ހިންގަން ފަށާފައެވެ.