ފުވައްމުލަކު އަންހެން ކުރިކެޓް ޓީމު ސެމީ ފައިނަލަށް

ނިމުނު ހަފުތާ ބަންދުގައި ފެށިގެން ކުރިއަށްދާ 2 ވަނަ ގައުމީ އަންހެން ޓީ20 ކުރިކެޓް މުބާރާތުގެ ސެމީ ފައިނަލަށް ފުވައްމުލަކު ކުރިކެޓް ޓީމު ދަތުރުކޮށްފިއެވެ. ފުވައްމުލަކު ކުރިކެޓް ޓީމު ފައިނަލަށް ދަތުރުކުރީ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެނެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު ފުވައްމުލަކު ކްރިކެޓް ޓީމު ކުނަހަންދޫ ޓީމާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު މެޗު ގެންދިޔައީ 1 ވިކެޓުންނެވެ. ދެވަނަ މެޗުގައި ވިލިގިލީ ވިޔަންސާ އާއި ބައްދަލުކޮށް ފަސޭހަކަމާއިއެކު ފުވައްމުލަކު ކުރިކެޓު ޓީމު މޮޅުވެފައިވަނީ 8.2 އޯވަރުތެރޭ 56 ލަޑު ފުރިހަމަ ކޮށްގެނެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ފުވައްމުލަކު ކްރިކެޓް ޓީމު ނިކުތީ ހިންނަވަރު ހިރިޔާގެ ޓީމާއި ދެކޮޅަށެވެ. އިއްޔެގެ މިމެޗުގައި ޓޮސް ދިމާކޮށްގެން ހިންނަވަރު ހިރިޔާ ޓީމު ނިކުތީ ހޮވުމަށެވެ. ފުވައްމުލަކު ޓީމުން ބެޓުކުރަން ނިކުމެ 20 އޯވަރު ތެރޭ 112 ލަޑު ހެދިއެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް ކުޅެފައި ވަނީ 9 ލަޑު ހެދި ޒޫނާއެވެ. މިމެޗުގައި ފުވައްމުލަކު އެއްވެސް ކުޅުންތެރިއަކަށް ދެއަކުރުގެ އަދަދަކަށް ލަޑު ނެހެދުނު ނަމަވެސް ޖުމްލަ ހަމަކުރި 112 ލަޑަކީ ހިރިޔާ އަށް އަރާހަމަކުރަން އުދަގޫ އަދަދެކެވެ.

އެހެންކަމުން، ޖަވާބުގައި ހިރިޔާ ޓީމުން 17.5 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ވަނީ ނުބައިވެގެން ވެސް 112 ލަޑު ނެހެދުނެވެ. ފުވައްމުލަކު ޓީމުގެ އުކުންތެރިން މިމެޗުގައި ވަރަށް ރަގަޅަށް އުކާފައިވާކަން ފާހަގަ ކުރެވުނެވެ. ފުވައްމުލަކު ޓީމު މިމެޗު ގެންގޮސްފައި ވަނީ 41 ލަޑުންނެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހެދުނު 8:00 ގައެވެ. ބައްދަލު ކުރާނީ ފުވައްމުލަކު ކުރިކެޓު ޓީމާއި ވިލިގިލީ ވިޔަންސާގެ ޓީމާއިއެވެ. އަދި ދެވަނަ ސެމީ ގައި ހިންނަވަރު ހިރިޔާ ނިކުންނާނީ ކުނަހަންދޫ މާލެ ސްޕޯޓްސް އާއި ދެކޮޅަށް ޑިސެމްބަރ 12 ވަނަ ދުވަހު ހެދުނު 8:00 ގައެވެ.