އެމްޑިޕީ މެމްބަރުން އަނެއްކާވެސް ހުދުމުހުތާރު ވެރިކަމަކުން ރާއްޖެ ސަލާމަތްކޮށްދީފި – ނަޝީދު

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމްކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އަނެއްކާވެސް ހުދުމުހުތާރު ވެރިކަމަކުން ރާއްޖެ ސަލާމަތްކޮށްދީފި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މިކަން ހާމަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުން ލިބުނު ކާމިޔާބީ އާއިއެކު އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން، ރާއްޖެ ހުދުމުހުތާރު ވެރިކަމަކުން ސަލާމަތްކޮށްދީފި ކަމަށެވެ. އަދި އެއީ އެ ޕާޓީގެ މެމްބަރުންގެ ބުރަ މަސައްކަތް ކަމަށާއި، އެހެންކަމުން ދިވެހި ތާރީޚުން އެފަރާތްތަކުގެ މަސައްކަތް ދުވަހަކުވެސް ފިހެވިގެން ނުދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ހަތަރު ޕާޓީއެއް ގުޅިގެން އިދިކޮޅު ކޯލިޝަނެއް އުފައްދައިގެން ނެރުނު، ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ)، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދަވާފައި ވަނިކޮށެވެ.

2018 ސެޕްޓެމްބަރ 23 ވީ އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފައި ވަނީ މިއަދުއެވެ. އެ ނަތީޖާއިން ދައްކާގޮތުގައި، ކެންޑިޑޭޓް ނަންބަރު 1، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 (41.60 އިންސައްތަ) ވޯޓެވެ. އަދި ކެންޑިޑޭޓް ނަންބަރު 2، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީން މުޙައްމަދު ޞޯލިޙަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ.

މި އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞޯލިޙް ވެރިކަމުގެ ހުވާ ކުރައްވާނީ ކޮން ދުވަހެއްގައި ކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.