އައްޑު އާއި ފުވައްމުލަކަށް ވައިޓް އެލާޓް ނެރެފި

ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި، 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވެއެވެ.

ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ އެވެ.