ހުރިހާ ގައުމަކާއި ގުޅުން ބަދަހި ކުރާނަން، އިސްރާއިލް ތަފާތެއް ނުކުރާނަން – އިބޫ

އެމްޑީޕީގެ ވެރިކަމެއްގައި ހާރިޖީ ގުޅުން ބަދަހި ކުރުމުގައި އެއްވެސް ގައުމަކާއި މެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި އެސިޔާސަތުގެ ދަށުން އިސްރާއީލް ވެސް އިސްތިސްނާ ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

މުސްލިމުންގެ ފުރަތަމަ ހަރަމްފުޅަށް ވެރިވެ، ފަލަސްތީން ރައްޔިތުންގެ ހުރިހާ އިންސާނީ ޙައްޤަަކަށް އަރައިގަންނަމުން ގެންދާ އިސްރާއީލާއި މެދު ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ހާރިޖީ ގުޅުން ބަދަހި ކުރައްވާނެ ކަމަށް އިބޫ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޙާބުގައި އަލަށް ވޯޓް ލާ ޒުވާނުންނާއި ބައްދަލު ކޮށް އިއްޔެ ދެއްކެވި ވާހަކަފުޅު ގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އިސްރާއީލާއި ގުޅުން ބަދަހި ކޮށްފައި ވާތީ އިބޫ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އިސްރާއީލާއި ގުޅުން ބަދަހި ކުރައްވާނަންތޯ ޒުވާނަކު ސުވާލު ކުރުމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ހާރިޖީ ސިޔާސަތު ލިޔެފައި އޮންނާނެ ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ހުރިހާ ގައުމަކާއި ވެސް ގުޅުން ބަދަހި ކުރުން ކަމަށެވެ. އެކަމުގައި އިސްރާއީލް އިސްތިސްނާ ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެ އާއި އިސްރާއީލްގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ކުރިއެވެ. ރާއްޖޭގެ ހާރިޖީ ވަޒީރަކު ތާރީޚްގައި ވެސް ފުރަތަމަ ފަހަރަށް އިސްރާއީލަށް ވަޑައިގެންނެވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެއީ އަހްމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އިސްރާއީލާއި ގުޅުން ބަދަހި ކުރަން ފެށުމުން ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ކުރިން ވެސް އޮންނާނީ އާންމު ކޮށްފައި ކަމަށާއި އެހެންކަމުން އިސްރާއީލާއި އެމްޑީޕީ ސަރުކާރުން ގުޅުން ބަދަހި ކުރާނެ ކަން ރައްޔިތުންނަށް އޮންނަން ޖެހޭނީ އެނގިފައި ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އިސްރާއީލާއި ރާއްޖެ އާއި ދެމެދު ވަނީ ވިޔަފާރީގެ ގުޅުން ވެސް ކަނޑާލާފައެވެ. އިސްރާއީލްގެ އެއްވެސް އުފެއްދުމެއް މިހާރު ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެކެވެ. އަދި ރާއްޖެ އިން ގެންދަނީ ފަލަސްތީންގެ މައްސަލައިގައި ވަރަށް ބޮޑަށް ވަކާލަތު ކުރަމުންނެވެ.

އިބޫ ވަނީ އޭނާ އަށް ވެރިކަން ލިބިއްޖެނަމަ ކޮމަންވެލްތު އާއި ވެސް އަލުން ގުޅެން ވައުދު ވެފައެވެ.

އެމްޑީޕީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ހާރިޖީ ސިޔާސަތުގައި ބުނެފައި އޮންނަ ގޮތުގައި ދިވެހިރާއްޖޭގެ ސަލާމަތްތެރިކަމާއި ތަރައްޤީގެ ދުވެލި ބިނާވެފައިވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖްތަމައު އާދެމެދު ފުޅާދާއިރާއެއްގައި ޤާއިމުކުރެވިފައިވާ އެކުވެރިކަމުގެ ސުލްހަވެރި ގުޅުންތަކާއި ބޭއްވެމުންދާ ގާތްކަމުގެ މައްޗަށެވެ.