ފުވައްމުލަކު ތޮށިލާނެ ކަމަށް އިބޫ ވިދާޅުވިއިރު ސަރުކާރުން ވަނީ އެކަން ބަޔަކާ ހަވާލުކުރާ ހިސާބަށް ގެންގޮސްފައި

ފުވައްމުލަކު ސިޓީ އިރުމަތީފަރާން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށް ތޮށިލުމުގެ މަސައްކަތް މިސަރުކާރުން ފަށައި އެމަސައްކަތް ބަޔަކާ ހަވާލުރަން ތައްޔާރުވެފައިވަނިކޮށް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެކަން ކޮށްދެއްވާނެ ކަމަށް އިބްރާހީމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުން ފުވައްލަކުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވީ ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމުގެ އިތުރަށް ފަތާފެންގަނޑެއްވެސް ހައްދައި ދެއްވާނެ ކަމަށެވެ.

ފުވައްމުލަކު ގިރަމުންދާތީ އެސަރަހައްދުގެ ހިމާޔަތުގައި ތޮށިލާންޖެހެނޭ އިރުމަތީ ފަރާތު ބަނދަރުން ފަށައިގެން އަނބުލު ސަރަހައްދާ ހަމައަށެވެ. އެކަން ކުރެއްވުމަށް މިސަރުކާރުން ފަށްޓަވައިފައިވާ މަސައްކަތަކާ ބެހޭގޮތުން ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ކުރިއަށްއޮތް މަހެއް ނުވަތަ ދެމަހެއްހާ ދުވަހުގެތެރޭގައި އެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ.

އެރަށުގައި ލުމަށް ހަމަޖެހިފައިވާ ތޮށިގަނޑުގެ ދިގުމިނަކީ 2650 މީޓަރެވެ. ތޮށިގަނޑު ލުމަށް ހަމަޖެހިފައިވަނީ ބޮޑު ހިލަޖަހައިގެން ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫއަކީ ނެދަލެންޑްސް އެންޓަރޕްރައިޒް އެޖެންސީގެ ހިލޭ އެހީއާއި، ކުވައިތު ފަންޑުގެ ލޯން އެހީއާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. ސަރުކާރުން ގެންދަވަނީ ވީހާވެސް އަވަހަކަށް އެމަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ  މަޝްރޫއު ފެށުމަށްޓަކައި ފުވައްމުލަކުގެ ތިމާވެއްޓާއި ކަނޑުގެ މާހައުލުގެ އިތުރު ދިރާސާތަކެއް ވެސް ވަނީ ކުރައްވާފައި ކަމަށެވެ. އަދި މަޝްރޫއުގެ ސަބަބުން ފުވައްމުލަކުގެ ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތައް ދެނެގަތުމަށްވެސް ސަރވޭކޮށް މިހާރުވަނީ ރިޕޯޓެއް އެކުލަވައިލައިފައެވެ.  މި ދިރާސާ ރިޕޯޓު ވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އިޕީއޭ) އަށް ހުށަހަޅައި، ފާސް ވެސް ކުރައްވައިފައެވެ.

މި މަޝްރޫޢުގެ ތަންފީޒީ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން، މަޝްރޫއުގެ ތައްޔާރީ މަރުހަލާގައި ތައްޔާރު ކުރެވިފައިވާ ޕްރިލިމިނަރީ ޑިޒައިންތައް އިތުރަށް ތަރައްގީކޮށް، ފައިނަލް ޑިޒައިންތައް ތައްޔާރުކުރުމުގެ މަރުހަލާ މިހާރު ދަނީ ނިމެމުން ކަމަށްވެސް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ އެ މަސައްކަތް އަމަލީގޮތުންކުރާނެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމަށްޓަކައި، ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްސްތައް ތައްޔާރު ކުރުމުގެ މަސައްކަތްތައްވެސް މިހާރުކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢަށް ކޮންޓްރެކްޓަރަކު ހޮވާނީ އިންޓަރނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގްގެ އުސޫލުންނެވެ. ކުވައިތު ފަންޑުގެ އެދިލެއްވުމުގެ މަތިން، މަޝްރޫޢުގެ ކޮންޓްރެކްޓަރަކު ހޮވުމަށް ޕްރީކޮލިފިކޭޝަން މަސައްކަތައް އިއުލާނު ކުރެވެނީ، މަޝްރޫޢުގެ ސުޕަވިޝަން ކޮންސަލްޓަންޓަކު އައްޔަނުކުރުމަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމަށްފަހުގައި ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ހިންގާ މަޝްރޫއަކީ ފުވައްމުލަކު ބަނދަރު ހެދުމަށް ހިންގި މަޝްރޫއަށްވުރެ ބޮޑު މަޝްރޫޢެއް ކަމަށާއި މިމަޝްރޫއަށް ސައްބީސް މިލިއަންޑޮލަރަށްވުރެ ގިނައިން ޚަރަދު ވެއެވެ.

ރޭގެ ޖަލްސާގައި ފުވައްމުލަކުގައި ފަތާފެންގަނޑެއް ގާއިމްކޮށްދެއްވާނެ ކަމަށްވިދާޅުވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަތާފެންގަނޑު (ސްވިމިންޕޫލް) ހައްދަވައި ދެއްވާނެ ކަމަށް ރައީސް ޔާމީންގެ މެނިފެސްޓޯގައި އޮންނާނެ ކަމަށްވެސް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.