ލަސްވެއްޖެނަމަ ވޯޓާސް ލިސްޓުގައި ސޮއި ކުރެވޭކަށް ނޯންނާނެ – އިބޫ

ކުރިއަށް އޮތް ރިޔާސީ އިންތިޚުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ފައިނަލް ވޯޓާސް ލިސްޓު ލިބުން ލަސްވެއްޖެނަމަ އެ ލިސްޓުގައި ސޮއި ކުރެވެން ނޯންނާނެކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރައްވާ އިބްރާހީމް މުޙައްމަދު ޞާލިޚް (އިބޫ) ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ޞައްޙަ ވޯޓާސް ލިސްޓެއް ބޭނުންވާ ކަމަށާއި، ރީ-ރަޖިސްޓްރޭޝަނަށް ފަހުގައި އަދިވެސް ސޮއި ކުރަންޖެހޭ ލިސްޓް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ލިސްޓުގައި އޮޅުވާލުންތަކެއް ހުރެދާނެކަމަށް އިބޫ ތުހުމަތުކުރެއްވިއެވެ.

“އަޅުގަނޑުމެންނަށް އެ ބަލާ ޗެކްކުރަން ފުރުޞަތު ދެއްވަން ވާނެ. އެހެންނޫނަމަ އޭގައި އޮޅުވާލުންތައް ހުރެދާނެ. އެންމެ ފަހު ވަގުތު އެ ދިއްކޮށްލާފައި ސޮއި ކުރާށޭ ބުންޏަސް އެޔަކު ސޮއި ކުރެވޭކަށް ނޯންނާނެ.” އިބޫ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކެންޑިޑޭޓް ވަނީ އޮޅުވާލުންތަކާއި މަކަރު ހެދުމުގެ ތުހުމަތު އިލެކްޝަންސް ކޮމިޝަނަށް ކުރައްވާފައެވެ.

“ކިތަންމެ ވަރަށް އޮޅުވާލަން މަސައްކަތް ކުރެއްވިޔަސް، ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ނަމަވެސް، ރައްޔިތުން ނިކުމެ މިފަހަރު ރައީސް ޔާމީނަށް ބޮޑުތަނުން ނޫނެކޭ ބުނާނެ. އެއީ ޝައްކެއް އޮތް ކަމެއްނޫން. އެމަންޒަރު އަޅުގަނޑުމެންނަށް އަތޮޅުތަކުން ރަށްތަކުން އެބަ ފެނޭ. މި މާލޭން ވެސް އެމަންޒަރު އެބަފެނޭ.” ރޭ އިބޫ ވިދާޅުވިއެވެ.

ވޯޓާސް ލިސްޓު ލިބުން ލަސްވާތީ އޮޅުވާލުމާއި، މަކަރު ހެދުމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ކުރަމުންދިޔަ ނަމަވެސް، ރޭގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުން  އެ ލިސްޓު ވަނީ އާއްމު ކުރައްވާފައެވެ. އެ ކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވީ މިއަދު ހެނދުނު ވޯޓާސް ލިސްޓް ކެންޑިޑޭޓުންނަށް ފޮނުއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެގޮތުން ކަންކޮޅުތަކުގައި ދިރިއުޅޭ ސަޕޯޓަރުންނާއި، ތާއީދު ކުރާ އެންމެންނަށް ވޯޓް ލުމުގެ ފުރުޞަރު ހޯދަދޭންޖެހޭ ކަމަށެވެ. އަދި އިރާދަކުރެއްވިޔާ ކުރިއަށް އޮތް އިންތިޚާބު ބޮޑު އަޤްލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް 18 ދުވަސް ބާކީ އޮއްވާ އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓު އާއްމު ކުރައްވާފައެވެ. މި އިންތިޚާބުގައި ޖުމްލަ 262135 މީހުނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވާއިރު، އިންތިޚާބުގައި ވޯޓޫ ލުމަށް 491 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެތެރޭގައި 35 ރިސޯޓެއް ވެސް ހިމެނެއެވެ.