ޕީޕީއެމްގެ މެންބަރު ފަޒާދު އިބޫ އާއި އެކު ކެމްޕޭނަށް އުތުރަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު އިދިކޮޅު ހަރާކާތްތަކާ ގުޅިވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި އެކު އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ބައިވެރިވެ ވަޑައިގަންނަވަމުން އެބަގެންދަވައެވެ.

ފަޒާދު މިއަދު އިބޫ އާއި އެކު ހއ.އަތޮޅަށް ވަޑައިގެންފައި މިވަނީ އޭނާ އިދިކޮޅު ފަރާތްތަކާއި ގުޅުނު ކަމަށް އަޑުފެތުރުނުތާ ހަފްތާއެއް ވެސް ނުވަނީހެވެ. ފަޒާދު ދާދިފަހުން ފުވައްމުލަކަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން ވަނީ އޭނާ އަށް ހޫނު މަރުޙަބާ އެއް ދަންނަވާފައެވެ. ނަމަވެސް އެރޭ ފަޒާދު ވިދާޅުވީ އޭނާ އިދިކޮޅު ފަރާތްތަކާއި ނުގުޅޭ ކަމަށެވެ.

ފަޒާދު އަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް އަދި އާންމު ބައްދަލުވުންތަކުގައި ވެސް ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ.

ފަޒާދު ޕީޕީއެމް ދޫކޮށް އިދިކޮޅު ކެމްޕޭނަށް ނިކުމެފައި ވާއިރު އޭނާ ޕީޕީއެމް އިން ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެއެވެ.

ފަޒާދު އިދިކޮޅު ކެމްޕޭން ހަރަކާތްތަކާއި ގުޅުމާއި ބެހޭ ގޮތުން ޕީޕީއެމް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެންމެ ފަހުން އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކުގެ ތިން ގޮނޑި ޕީޕީއެމް އިން ކާމިޔާބު ކުރި ނަމަވެސް ފަޒާދު ޕީޕީއެމް އާއި ވަކިވުމުން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވާނީ މަޖިލިސް ރައީސް އަބްދުﷲ މަސީހް އެކަންޏެވެ.