ޚިޔާލެއް ހުށަހަޅައިގެން 50،000 ޑޮލަރު ހޯދުމުގެ ފުރުޞަތު

ސޫރަދު ނިޒާމުގައި ހިމެނޭ ގުރަހައެއްކަމުގައިވާ މާސްގައި އިންސާނީ ދަރިފަސްކޮޅު އާލާކުރުމަށް އެތައް މަސައްކަތެއް ދަނީ ކުރަމުންނެވެ. އެކި ޤައުމުތަކާއި އެކި ކުންފުނިތަކުން މި މަސައްކަތް ކުރަން އުޅޭއިރު، މިކަމުގައި އެތަކެއް ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އެގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މާސްގެ ވައިގެ ތެރޭގައި ހިމެނޭ މައިގަނޑު ގޭހަކީ ކާބަންޑައިއޮކްސައިޑް ކަމުގައި ވުމެވެ. މާސްގެ 96 އިންސައްތަ އަކީ ކާބަންޑައިއޮކްސައިޑް ކަމުން، މިކަމަކީ އެތަނުގައި އިންސާނުންނަށް ދިރިއުޅުން، ނާދިރު ވެދާނެކަމަށް ބެލެވިދާނެ އެއް ސަބަބެވެ. އެހެންނަމަވެސް، މި ހިސާބުން ހުއްޓާލުމަށް މާސް އިން ބޭނުން ނުވެއެވެ.

އެހެންކަމުން، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ވަނީ ޚާއްޞަ ހަރަކާތެއް ފަށާފައެވެ. އެއީ، މާސްގައި ހުންނަ ކާބަންޑައިއޮކްސައިޑް، އޮކްސިޖަން އަށް ބަދަލު ކުރެވޭނެ ގޮތުގެ ޚިޔާލެއް ހުށަހެޅުމަށެވެ. އެކަން ކުރެވޭނޭ އަދި ހަޤީޤަތަށް ހެދޭނެފަދަ ގޮތެއް ހުށަހެޅުމަށެވެ. ނާސާ އިން ހޯދަމުންދަނީ، މިކަމަށް ބޭނުންކުރެވޭނެ އެންމެ ދެމެހެއްޓެނިވި އުކުޅުވެސްމެއެވެ.

މިކަމަށްޓަކައި ނާސާ އިން ފަށާފައިވާ ޗެލެންޖު ބަހާފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި، ބައިވެރިން ޖެހެނީ، ކޮންވާޝަން ސިސްޓަމެއްގެ މައުލޫމާތާއި އޭގެ ޑިޒައިން ހުށަހަޅާށެވެ. ދެވަނަ ފިޔަވަހީގައި، ފުރަތަމަ ފިޔަވަހިން މޮޅުވާ ފަރާތްތަކަށް، އެކަން ހަޤީޤަތަކަށް ހެދުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

ފުރަތަމަ ފިޔަވަހީގައި އެންމެ މޮޅުވާ ފަސް ޓީމެއް ނުވަތަ ފަސް ބައިވެރިއަކު ކަނޑައެޅުމަށް ނިންމާފައިވާއިރު، މޮޅުވާ ކޮންމެ ޓީމަކަށް 773000 ދިވެހި ރުފިޔާ (50،000 ޑޮލަރު) ލިބޭނެއެވެ. މުޅި ޗެލެންޖުން މޮޅުވާ ޓީމަކަށް އެގާރަ މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ލިބިގެން ދާނެއެވެ.