ވޯޓާރސް ލިސްޓު މިއަދު ޢާއްމު ކުރާނަން – އިލެކްޝަންސް

މިހިނގާ ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ވޯޓުލާ މިހުންގެ ފައިނަލް ލިސްޓު މިއަދު ޢާއްމު ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް “ވަގުތު” އަށް ވިދާޅުވީ، ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް މިއަދު ވޯޓުލާ މީހުންގެ ލިސްޓު އާއްމުކުރައްވާނެ ކަމަށެވެ.

“ވޯޓާރސް ލިސްޓް މިއަދު އާއްމު ކުރާނެ، އާއްމު ކުރުމަށްފަހު މިއަދު ކެންޑިޑޭޓުންނަށްވެސް ފޮނުވާނެ” އަކްރަމް ވިދާޅުވިއެވެ.

ވޯޓުލާ މީހުންގެ ލިސްޓު މިއަދު އާއްމު ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއިރު، އެ ލިސްޓު ލިބުން ލަސްވެގެން އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓްގެ ތަރުޖަމާނު ވަނީ މިއަދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މާރިޔާ މިއަދު ވިދާޅުވެފައިވަނީ، ވޯޓުލާ މީހުންގެ ލިސްޓުގައި މައްސަލަތަކެއް ހުރެދާނެ ކަމަށް ހީކޮށް ކޯލިޝަނުން އަދި ކޯލިޝަނަށް ވޯޓް ދެއްވަން ތިއްބެވި ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި، އެ ލިސްޓު ވަރަށް ބޮޑަށް ޗެކްކުރަން ބޭނުންވާ ކަމަށެވެ. އަދި އެކަމާ އެމްޑީޕީން ކަންބޮޑުވާއިރު، ޕީޕީއެމް އިން ކަންބޮޑު ނުވާތީ ހައިރާންވާ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބަށް 19 ދުވަހަށް ވެފައިވާއިރު، އިންތިޚާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ. އެގޮތުން އިންތިޚާބުގައި ކޮމިޝަނުގެ ފަރާތުން ހަރަކާތްތެރިވާ 3895 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވޯޓުލާ މީހުންގެ ލިސްޓު މިއަދު ޢާއްމު ކުރާއިރު، އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަންގެ ހުރިހާ މަރުޚަލާއެއް ނިމި، ރަށްރަށަށް ވޯޓު ފޮށީތަކާއި، ވޯޓުލާ ބޫތްތައް ފޮނުވުމުގެ މަސައްކަތްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އިންތިޚާބުގެ ކަންކަމާ މެދުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ޝައްކު އުފައްދައި އެކަމުގެ ކަންބޮޑުވުންތައް އުފައްދަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުން ގެންދަވަނީ އިންތިޚާބުގެ އެއްވެސް ކަމަކާ ގުޅިގެން ކަންބޮޑުވުމެއް ނުވަތަ ސުވާލެއް ވާނަމަ ކޮމިޝަނުން އެކަންކަން ސާފު ކުރެއްވުމަށާއި، އިންތިޚާބީ ޝަކުވާއެއް ވާނަމަ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށައެޅުމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ ކެންޑިޑޭޓް ނަންބަރު އެކެއް، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކެންޑިޑޭޓް ނަންބަރު ދެއެއް، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މި އިންތިޚާބުގެ ވޯޓުލުން އޮބްޒާވް ކުރެއްވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން އަދި މިނިޓަރ ކުރެއްވުމަށް ދުނިޔޭގެ މަޝްހޫރު މީޑިއާތަކުން ރާއްޖެ އައުމަށް ހަމަޖެހިފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯތުލުމަށް ހަމަޖެހިފައިވަނީ 2018 ސސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުއެވެ.