ރަތަފަންދޫ ސުކޫލްގެ ޕްރިންސިޕަލް އެމްޑީޕީއަށް ސޮއިކޮށްފި

ގދ.ރަތަފަންދޫ ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު އަބްދުﷲ އިދިކޮޅު އެމްޑީޕީއަށް މިއަދު ސޮއިކޮށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި ފޯމް ހަވާލު ކޮށްފިއެވެ.

މުހައްމަދު އަބްދުﷲ އަކީ މިދިޔަ ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލު އިންތިހާބުގައި އަތޮޅު ކައުންސިލަށް ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ އަށް އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މުހައްމަދު އަބްދުﷲ އެމްޑީޕީއަށް ސޮއި ކުރީ މިއަދު އިބޫ އެރަށަށް ވަޑައިގެންނެވުމުން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އިބޫ ވަނީ ވަޒީފާގެ ބިރެއް ނެތި މުހައްމަދު އަބްދުﷲ އިދިކޮޅު ފަރާތްތަކާ ގުޅުމުން އެކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި މުހައްމަދު އަބްދުﷲގެ ކެރުމާއި ހިތްވަރަށް އިބޫ ސާބަސް ދެއްވިއެވެ.

ރަތަފަންދޫ ސްކޫލްގެ ޕްރިންސިޕަލް އެމްޑީޕީ އަށް ސޮއި ކުރިއިރު ބައެއް ޓީޗަރުންނާއި ޕްރިންސިޕަލުން ވެސް ގެންދަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވަމުން އަންނައިރު ޕާޓީ ބަދަލު ކުރާ ބޭފުޅުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.