އާ ގަވަރުނަރުގެ ސޮޔާއެކު 10ރ. އަދި 100ރ. ގެ އާ ނޫޓު ނެރެފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ ގަވަނަރު އަހުމަދު ނަސީރުގެ ސޮޔާއެކު ޗާޕްކޮށްގެން ގެނެސްފައިވާ “ރަންދިހަ ފަހެއް” ސީރީޒްގައި ހިމެނޭ 10 ރުފިޔާ އާއި 100 ރުފިޔާގެ އާ ނޫޓު މިއަދު ބޭނުންކުރަން ފަށައިފިއެވެ.

ސްޓޮކް ދަށްވުމުން، އަލުން ޗާޕުކޮށްގެން 5 ޖުލައި 2018 ގައި ރާއްޖެ އަށް ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައި ހުރި 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު މިއަދު ބޭނުންކުރަން ފެށިއިރު މިއީ އާ ގަވަނަރުގެ ސޮޔާއެކު ޗާޕުކޮށްގެން ނޫޓު ނެރުނު ފުރަތަމަ ފަހަރެވެ.

މިއަދު ނެރުނު 10 ރުފިޔާ އަދި 100 ރުފިޔާގެ އާ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް އެމްއެމްއޭ އިން ވިދާޅުވިއެވެ.

“ރަންދިހަ ފަހެއް” ސީރީޒްގެ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި ކަމަށްވާއިރު އެ ނޫޓު ސީރީސް ނެރުމަށް ފަހު ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ.

މި ނޫޓްސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1000 ރުފިޔާގެ ނޫޓެވެ.