ކޯޓު އަމުރެއްގެ ދަށުން ބުދުތައް ނަގަން ސަރުކާރުން ތައްޔާރުވާން ފަށައިފި

ސިއްރު ފެންފުށި ރިސޯޓްގައި ބައްޓާފައި ހުރި ބުދުތައް ނަގަން ސަރުކާރުން އެންގި އެންގުމަށް އެރިސޯޓުން ތަބާވެފައި ނުވާތީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެރިސޯޓަށް އަރާ ބުދުތައް ނަގަން ސަރުކާރުން ނިންމާ އެކަމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖް އާޓް ގެލެރީގެ ގޮތުގައި މިހާރު ވެސް އިސްތިހާރު ކުރަމުން ގެންދާ ބުދުތައް ނަގަން ރައީސް އޮފީހުން ޓްއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ރިސޯޓަށް އެންގީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް ބުދުތައް ނެގުމުގެ އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ކޮށްފައި ނުވާ ކަމަށް ވެއެވެ.

ރިސޯޓުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ބުދުތަކުގެ މޫނު އިންސާނުން ސިފަ ނުވާނެ ގޮތައް ބަދަލު ކުރާށެވެ. އެހެންކަމުން ލަފާކުރެވޭ ގޮތުގައި ބުދުތައް ނެގުމުގެ އެއްވެސް ވިސްނުމެއް އެރިސޯޓްގެ ނެތެވެ.

ރިސޯޓުން ސަރުކާރަށް އަންގާފައި ވަނީ ބުދުތައް ނެގުމަކީ ވަރަށް އުނދަގޫ މަސައްކަތަކަށް ވާތީ އެކަމަށް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ.

ބުދުތައް ނެގުން ލަސްވަމުން ދާތީ ކޯޓު އަމުރެއްގެ ދަށުން ރިސޯޓަށް އެރުމަށް ފުލުހުން މިހާރު ކޯޓު އަމުރު ހޯދުމުގެ ޤާނޫނީ މަރުހަލާތައް ކުރިއަށް ގެންދާ ކަމަށް ވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ސިއްރު ފެންފުށީގައި ބަހައްޓާފައި ހުރި ބުދުތަކަށް ވަނީ ފަތުރުވެރިންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ދުނިޔޭގެ ނަން މަޝްހޫރު އެތައް ވެބްސައިޓަކުން ވަނީ އެތަނާއި ގުޅޭ ރިޕޯޓްތައް ވެސް މިހާތަނަށް ގެނެސްފައެވެ.