ކޯމަހެއްގެ އުނދަގުލާއި ހެދި ބައެއް ސަރަހައްދުތަކަށް މޫދަށް އެރުން މަނާކޮށްފި

ކޯމަހަކީ އިންސާނުންނަށް ގޯނާ ކުރާ ޖަނަވާރެއް ނޫންކަން އެންމެންނަށް އެނގެއެވެ. އަދި އެހެން ޖަނަވާރުތަކާއި ހިލާފަށް ކޯމަހަކީ އިންސާނުންނާއި ވަރަށް އެކުވެރިކޮށް އުޅޭ އިންސާނުންނާއި ވަރަށް ގަޔާވާ މަހުލޫގެކެވެ. ނަމަވެސް ބައެއް ފަހަރު ކޯމަހުގެ ފަރާތުން ބައެއް ފަރާތްތަކަށް އުނދަގުލާއި ކުރިމަތިލާން ޖެހެއެވެ.

އެގޮތުން ދާދި ފަހުން ފްރާންސްގެ އުތުރުގެ ބައެއް ސަހަރައްދުތަކުގައި ވަނީ ކޯމަހެއްގެ އުނދަގުލާއި ހެދި އެ ސަހަރައްދުތަކަށް މޫދަށް އެރުން މަނާކޮށްފައެވެ. ދިގުމިނުގައި 3 މީޓަރު ( 10 ފޫޓް) ހުންނަ އެ ކޯމަކަށް ސައިންސްވެރިން ދީފައިވާ ނަމަކީ ޒަފަރް އެވެ.

އެއީ އެހެން ކޯމަސްތަކާއި ހިލާފަށް އިންސާނުންނާއި ވަރަށް އެކުވެރިކޮށް އުޅޭ ކޯމަހެއް ކަމަށް ސައިންސްވެރިން ބުނެއެވެ. ބައެއްފަހަރު އެކޯމަސް އިންސާނުން މޫދަށް އެރި އުޅޭއިރު އޭގެ ތުބުން އިންސާނުންނަށް ޖެއްސުންކޮށް އުޅެއެވެ. އެ ކޯމަސް ދިރިއުޅޭ ސަރަހައްދުތަކުގައި ދަތުރުކުރާ ކުދި ދޯނިތަށް ފަހަތުން ދިޔުމަކީވެސް އޭގެ އާދައެކެވެ.

ނަމަވެސް ފަހަކަށް އައިސް އެކޯމަސް ބައެއް އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެކަމުގެ ސަބަބުން އެ ކޯމަސް އުޅޭ ސަރަހައްދުތަކާއި 164 ފޫޓް ކައިރިއަށް މޫދަށް އެރުން ވަނީ ފްރާންސްގެ ކަމާބެހޭ އިދާރާތަކުން މަނާކޮށްފައެވެ.

ޒަފަރްގެ ނަމުން ނަންދީފައިވާ ކޯމަހުގެ ފަރާތުން ބައެއް އިންސާނުންނަށް އުނދަގުލާއި ކުރިމަތިވާއިރު ޒަފަރް އަކީ 2014 ވަނަ އަހަރު ފްރާންސްގެ އަމިއްލަ ޖަމިއްޔާއަކުން ޓްރެއިނިންގް ކުރުވި ކޯމަސްތަކުގެ ތެރެއިން ކޯމަހެކެވެ. އަދި  ޒަފަރްއަށް އިންސާނުންގެ ބައެއް އަމަލުތަށް ދެނެގަނެވޭއިރު އިންސާނުން ވާހަކަ ދައްކާ އުޅޭ ބަހުރުވަ  ކޮންމެވެސް ވަރަކަށް ދެނެގަނެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.