އައިފޯނާއި އެޕަލްގެ އިތުރު އުފެއްދުންތަކެއް ސެޕްޓެމްބަރ 12 ގައި ލޯންޗް ކުރާނެ

އެޕަލް ކުންފުނީގެ އާ އައިފޯނާއި އިތުރު ބައެއް އުފެއްދުންތައް ސެޕްޓެމްބަރ 12 ވަނަ ދުވަހު ލޯންޗް ކުރަން ނިންމާ ރަސްމިއްޔާތުގެ ދައުވަތު މީޑިއާތަަކަށް ފޮނުވައިފިއެވެ. ރަސްމިއްޔާތު އޮންނާނީ އެޕަލްގެ މައި ހެޑްކްއާޓަރު ކަމަށްވާ އެޕަލް ޕާކް ގައެވެ.

“ބްލޫމްބާގް” އިން ބުނާ ގޮތުގައި އެޕަލްގެ އާ އައިފޯނުގެ އިތުރުން އައިއޯއެސް އޮޕަރޭޓިން ސިސްޓަމްގެ އާވާޝަންއެއް ވެސް ރަސްމިއްޔާތުގައި ދައްކާލާނެއެވެ. މީގެ އިތުރުން އެޕަލް ވޮޗް އާއި އެއާ ޕޮޑް އަށް އިތުރު ތަރައްޤީތައް ގެނެސް އެތަކެތި ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު އެޕަލްގެ އައިފޯނަށް ދިހަ އަހަރު ފުރުމާއި ދިމާކޮށް ވަނީ ތަފާތު ފޯނެއް ނެރެފައެވެ. އެއީ އައިފޯން-X އެވެ. މިއަހަރު އެފޯނަށް އިތުރު ބަދަލުތައް ގެނެސް އިތުރު ތަރައްޤީތައް ގެންނާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އައިފޯންގެ އާނަމްބަރެއްގެ ފޯނެއް ވެސް މިއަހަރު ނެރޭނެ ކަމަށް ބެލެވެއެވެ.

އާދައިގެ މަތިން މިފަހަރު ވެސް އެޕަލްގެ އުފެއްދުންތަކާއި ބެހޭ ގޮތުން އެކުންފުނިން ރަސްމީ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންކަމުން މީޑިއާތަކުން ޚަބަރު ފަތުރަމުން ގެންދަނީ ލިބިފައި ހުރި މައުލޫމާތައް ބަލާ ކުރެވޭ ލަފާކުރުންތަކެއްގެ މައްޗަށް ބިނާކޮށެވެ.

މިއަހަރު އެޕަލް ޕާކްގައި ބާއްވާ އިވެންޓަކީ އެތަނުގައި މިހާތަނަށް ނޫސްވެރިންނަށް ދައުވަތު ދީގެން ބާއްވާ ދެވަނަ އިވެންޓެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިވެންޓްގައި ބައިވެރިވުމުގެ ދައުވަތު 1000 ނޫސްވެރިންނަށް ވަނީ ދީފައެވެ.

އިވެންޓްގެ ތަފްސީލެއް އެޕަލް އިން ދީފައި ނުވި ނަމަވެސް އާދައިގެ މަތިން އެއިވެންޓްގައި ޓިމް ކުކް އެޕަލްގެ އުފެއްދުންތަކާއި ބެހޭ މައުލޫމާތު ހިއްސާކުރާނެއެވެ.