މިއަދު ދޫކޮށްލައިފިނަމަ ގައުމުގެ މުސްތަގްބަލާއި، މާދަމާގެ ޖީލުވެސް ގެއްލިދާނެ – ފައިސަލް

މިއަދު ދޫކޮށްލައިފިއްޔާ ގައުމުގެ މުސްތަގްބަލާއި، މާދަމާގެ ޖީލުވެސް ގެއްލިގެންދިޔައީ ކަމަށް އެމްޑީޕީގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބ.ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ތަރައްގީއަކީ ކޮންމެ ގައުމެއްގައިވެސް ރައްޔިތުން ބޭނުންވާނެކަމެއް ކަމަށާއި، އެހެން ނަމަވެސް ތަރައްގީ ގެންނާންޖެހޭނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

“ތަރައްގީ ގެންނައިރު އެ ހޭދަކުރަނީ ތިމަންނާމެންގެ އަމިއްލަ ފައިސާއެއް ނޫން, އެއީ ދިވެހިރާއްޖޭގެ ރައްޔިތުން ކުރާ ބުރަ މަސައްކަތުން ލިބޭ މަންފާގެ ތެރެއިން ދައްކާ ޓެކްސް ފައިސާއާއި، ދައުލަތަށްލިބޭ އާމްދަނީން ކުރާ ކަމެއްކަން ދަންނަންޖެހޭ” ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެންމެންވެސް ތަރައްގީ ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް، އެކަން ކުރަންޖެހޭނީ އޭގެ ފަހަތުގައި ފޮރުވިފައިވާ އެތައް ކަންތައްތަކެއް އޮންނަ ގޮތަކަށް ނޫން ކަމަށެވެ. ތަރައްގީގެ ކަންކަން ކުރިއަށް ގެންދާންޖެހޭނީ ދެފުށްފެންނަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

“ތަރައްގީ ގެންނާންޖެހޭނީ މުސްތަގްބަލުގައި ޖީލުތަކުގެ ބޮލުގައި އެތައްލައްކަ ރުފިޔާއެއްގެ ދަރަނި އަޅުވާފައެއް ނޫން. އެހެންކަމުން، ދެފުށްފެންނަ ގޮތަށް ކަންކަންކޮށް، އިސްރާފް ނުވާނޭގޮތަށް، އަމަލުކުރަންޖެހޭ” ފައިސަލް ވިދާޅުވިއެވެ.

ރޭ ހުޅުވި ސިނަމާލޭ ބްރިޖް ހުޅުވުމުގެ ރަސްމިޔާތަށް އިޝާރަތްކޮށް ފައިސަލް ވިދާޅުވީ، ތަރައްގީގެ ވާހަކަ ދައްކާއިރު ރޭވެސް ސަރުކާރުން 42 މިލިއަން ރުފިޔާ ބޭކާރުގޮތުގައި އަންދާލުމަކީ ރައްޔިތުންނަށްދިން މެސެޖެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

“ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލާއި، ރަށްރަށުގައި ހުރި މައްސަލަތަކަށް ސަރުކާރުން އަޅާނުލާ، އެއީ ދެރަކަމެއް” ފައިސަލް ވިދާޅުވިއެވެ.

ވެރިއަކު އިންތިޚާބުކުރާއިރު ވިސްނާންޖެހޭ ކަންކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ވޭތިވެދިޔަ ފަސް ވަރަކަށް އަހަރު ރާއްޖެ ތަޖުރިކާކުރި ކަންތަކަށް ރައްޔިތުން ވަރަށް ބޮޑަށް ވިސްނައި ބަލަންޖެހޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ ގައުމުގެ ހުރިހާ ދިމާއަކަށް ބެލިޔަސް ފެންނަނީ ޚިޔާނާތައި ކޮރަޕްޝަންގެ ކަންތައްތައް ކަމަށާއި، އެއީ ދައްކަން އުފާވާ ވާހަކަފުޅުތަކެއް ނޫންކަމަށެވެ. ހަމައެކަނި އެމްއެމްޕީއާރްސީގެ ވައްކަމަށް ބެލިނަމަވެސް، މިއީ ދިވެހިން މިސަރުކާރަށް ނޫނެކޭ ބުނަންޖެހޭ ސަބަބެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

“ރާއްޖޭގެ ރައްޔިތުން ވިސްނަންޖެހޭ. ނަޖީބުގެ ސަރުކާރުން އިންތިހާ ދަރަޖައިގެ ލޯނުތައް ނެގުމުގެ މެލޭޝިޔާ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ބުރައާމެދުވެސް ރާއްޖޭގެ ރައްޔިތުން ވިސްނަންޖެހޭ” ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ކާމިޔާބު އޮތީ އިރާދަކުރެއްވިއްޔާ ވަރަށް ކައިރީގައި ކަމަށާއި، އުފާވެރިކަމުގައި ތިއްބެވުމަށާއި ދައްކާހާ ބިރަކަށް ނުސިހި، ފަސްނުޖެހި ފަސް ވަނަ ގިޔަރުގައި މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.

ގުޅިފައިވާ އިއްތިހާދަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ލިބިފައި މިވަނީ ރަންގަނޑެއް ކަމަށާއި، އިބްރާހިމް މުހަންމަދު ސޯލިހްގެ ފަހަތްޕުޅުން ޚިޔާނާތުގެ އެއްވެސްކަމެއް، އަނިޔާވެރިކަމުގެ ކަމެއް ފެންނާންނެތް ކަމަށް ފައިސަލް ވިދާޅުވިއެވެ.

“އެމަނިކުފާނުގެ 25 އަހަރުގެ ސިޔާސީ ތަޖުރިބާއިން މުޅިންވެސް ފެންނަނީ ގައުމަށް ފައިދާހުރި މަސައްކަތްތަކާއި، ހިތްތިރި ކަމާއި ރިވެތި އަޚުލާގެއްގައި މަސައްކަތްކުރެއްވިތަން ، ކެންޑިޑޭޓް ނަންބަރު 2 އަށް ވޯޓްލުމަކީ ވަރަށް ފަސޭހަކަމެއް ” ފައިސަލް ވިދާޅުވިއެވެ.