އިންޑިއާގެ ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފި

އިންޑިއާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގޯއެއާގެ ދަތުރުތައް ދިވެހިރާއްޖެ އަށް ފަށަން އެއެއާލައިނުން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާ ގޯއެއާގެ ބައިނަލްއަޤުވާމީ ދަތުރުތައް އޮކްޓޯބަރ މަހު ރާއްޖޭގެ އިތުރުން ތައިލެންޑަށް ވެސް ފަށާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޮކްޓޯބަރ 14 ވަނަ ދުވަހު އިންޑިއާގެ މުމްބާއީ އާއި ނިއުދިއްލީ އިން ރާއްޖެ އަށް ދަތުރުތައް ފެށުމަށް ގޯއެއާ އިން ވަނީ ނިންމާފައެވެ. މިދަތުރުތަކުގައި ވަރަށް އަވަހަށް ބެންގަލޫރުން ވެސް ރާއްޖެ އަށް ދަތުރު ކުރުމުގެ ފުރުސަތު ފަސެންޖަރުންނަށް ފަހިކޮށްދިނުމަށް ގޯއެއާ އިން ވަނީ ނިންމާފައެވެ.

ކުރިއަށް އޮތް ފަތުރުވެރިންގެ ސީޒަނާއި ދިމާކޮށް އިންޑިއާގެ ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާފައި ވާއިރު އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަށް ޒިއާރަތް ކުރުން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ބޮލީވްޑްގެ މަޝްހޫރު ފަންނާނުންގެ އެންމެ މަގުބޫލް މަންޒިލަކަށް މިހާރު ވެފައި ވަނީ ރާއްޖެ އެވެ.

ރާއްޖެއަށް ދަތުރުތައް ފަށާ ގޯއެއާ އަކީ 2005 ވަނަ އަހަރު އުފެއްދި އެއާލައިނެކެވެ. އެއާލައިނުން މިހާރު ވެސް 23 މަންޒިލަކަށް ކޮންމެ ދުވަހަކު 140 އަށް ވުރެ ގިނަ ދަތުރު ކުރެއެވެ. އިންޑިއާގެ ވައިގެ ދަތުރުފަތުގެ 8.4 އިންސައްތަ ހިއްސާ ކުރަނީ ގޯއެއާއެވެ.

ގޯއެއާ އިން ވަނީ 2011 ވަނަ އަހަރު އެއާބަސް އޭ320 ގެ 72 ފްލައިޓަށް އޯޑަރު ކޮށްފައެވެ. އެއޯޑަރުގެ އަގު 4.7 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެއޯޑަރުގެ ދަށުން ބައެއް ފްލައިޓްތައް މިހާރު ވަނީ ގޯއެއާ އަށް ޑެލިވަރީ ވެސް ކޮށްފައެވެ. އޭގެ އިތުރުން 2016 ވަނަ އަހަރު ގޯއެއާ އިން ވަނީ 7.7 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވެސް އެއާބަސް އާއި އެކު ސޮއި ކޮށްފައެވެ. މިހާރު އެއާބަސް އިން ގޯއެއާ އަށް ޑެލިވަރީ ކޮށްދޭން ޖެހޭ ފްލައިޓްތަކުގެ އަދަދު ވަނީ 144 އަކަށް އަރާފައެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް އެއާލައިނަށް ގޯއެއާ ވެގެން ދާނެއެވެ.