އެޕަލް އިން މި އަހަރު ހަތަރު ފޯނެއް ނެރޭނެ

ވަރުގަދަ އެޕަލް ކުންފުނީގެ ވޯލްޑްވައިޑް ޑެވެލޮޕާސް ކޮންފަރެންސް މި މަހުގެ ތެރޭގައި ބާއްވާނެއެވެ. މި ބައްދަލުވުމުގައި އެޕަލް ކުޑައިގެ ދަށުން ނެރެމުންދާ ތަފާތު އުފެއްދުންތަކާއި، އެއުފެއްދުންތައް ތަރައްޤީ ކުރުމާ ބެހޭގޮތުން އެކި ވާހަކަ ދައްކާނެއެވެ. އެންމެ މުޙިއްމު އެއް ކަމެއްގެ ގޮތުން އައިއޯއެސް 12 ގެ އައު މައުލޫމާތުތައްވެސް، މި ބައްދަލުވުމުން އެނގިގެން ދާނެއެވެ

“ފޯބްސް” އިން ދާދިފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި، މި އަހަރު އެޕަލް އިން އެހެން އަހަރަކަށް ވުރެ ގިނަ ފޯނު ނެރޭނެއެވެ. ކުރިން ނެރޭގޮތަށް ދެއެއް ނުވަތަ ތިން ފޯނުގެ ބަދަލުގައި މި އަހަރު އެކުންފުނިން ހަތަރު ފޯނު ނެރޭނެއެވެ. އަދި، މި ފޯނުތަކާ ބެހޭ މައުލޫމާތު މި ބައްދަލުވުމުން ރަނގަޅަށް އެނގިގެންދާނެއެވެ.

އެމީޑިޔާއިން، ބައެއް މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި އަލަށް ނެރޭނީ އައިފޯން އެކްސްގެ ދެވަނަ ޖެނެރޭޝަނާއި އައިފޯން އެސްއީގެ އެހެން ވާޝަނެއްގެ އިތުރުން އައިފޯން އެކްސްގެ ބަޖެޓު ވައްތަރަކާއި އޭގެ ވަރުގަދަ އަދި ބޮޑު ވާޝަން އެކެވެ.

ފޯބްސްގެ ވެބްސައިޓުން އިތުރަށް ބުނެފައިވާ ގޮތުގައި އަލަށް ނެރޭ ފޯނުތަކަކީވެސް ރަނގަޅު ފޯނުތަކަކަށް ހެދުމަށް އެޕަލް ކުންފުނިން ވަރުގަދަ ފީޗަރ ތަކެއް ހިމަނާނެއެވެ. އަދި، ފޯނުގެ ހާޑްވެއަރވެސް ވަރުގަދަ ކުރާނެއެވެ.

މަ މަހުގެ ތެރޭގައި މި ފޯނުތަކުގެ މައުލޫމާތު އެނގޭނެކަމަށް ބެލެވުނަސް، ފޯނުތައް ބާޒާރަށް ނެރޭނެކަމަށް ބެލެވެނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.