ހަމައެކަނި ސައެއް ނޫން، ޑްރޯން އިން ކޮންމެ ކާއެއްޗެއްވެސް ގެނެސްދޭނެ

އިންޑިޔާގެ ލަކްނޯގައި، ޑްރޯން ބޭނުންކޮށްގެން ސައި ޑެލިވަރީކުރަން ވަނީ ފަށާފައެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަތަކެއްވެސް ލިބިގެންދިޔައެވެ. ޓެސްޓުތަކަށް ފަހު، ހުސްވި މެއި މަހުގެ 23 ވަނަ ދުވަހު، މި ޚިދުމަތްވަނީ ދޭން ފަށާފައެވެ.

ޑްރޯން ބޭނުންކޮށްގެން ސައި ޑެލިވަރީކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ޑްރޯން ބޭނުންކޮށްގެން ކާބޯތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިކަންވެސް ކުރަމުން ގެންދަނީ ސައި ޑެލިވަރީގެ މަސައްކަތްވެސް ފެށި ކުންފުނިންނެވެ. އެއީ ޓެކްއީގަލް ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅިގެން، އޮންލައިން ކާކާ ކުންފުނިން ފެށި ޚިދުމަތެކެވެ.

މި މަސައްކަތުގެ މުގުލުގައި ހުރި އެއް ފަރާތްކަމުގައިވާ ބިލާލު އަރުޝަދު، “ޓައިމްސް އޮފް އިންޑިޔާ” އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ޚިދުމަތުގެ ސަބަބުން އާއްމުންނަށް އެތައް ފަސޭހައެއް ލިބިގެންދާނެކަމަށެވެ. ހަމައެހެންމެ، ޑެލިވަރީ ކުރަން ނަގާ ވަގުތުވެސް އެތައް ތަނެއް ކުޑަވެގެން ދާނެކަމަށް ބުނެފައިވެއެވެ. އެގޮތުން، ބާރުބޮޑު މަގުތަކުން، އިންސާނުން ޑެލިވަރީ ކުރަން ޖެހުމުން ނަގާ ވަގުތުތައް ނުނަގާނެކަމަށްވެސް ބުނެފައިވެއެވެ.

މިއީ ތަފާތު ޚިދުމަތެއްކަމުން، ޑްރޯން މެދުވެރިކޮށް ކުރާ ކޮންމެ ޑެލިވަރީއަކަށް އަގެއް ނެގުމަށްވެސް، އެކުންފުނިންވަނީ ނިންމާފައެވެ.