“އަނބިމީހާ ފެނުނީ ދެ މިނެޓަށް، އެއީ ހިތްވަރުގަދަ ނަރުހެއް”

އުމުރުން 36 އަހަރުގެ ސަޖީޝްއަށް އޭނާގެ އަނބިމީހާ ނެތްކަމުގެ އިހުސާސް އަދިވެސް ކުރެވެއެވެ. އޭނާގެ އަނބިމީހާއަކީ ނިޕާ ވައިރަސް ޖެހިގެން ފަރުވާދެމުންދިޔަ ފުރަތަމަ މީހާއަށް ފަރުވާ ކުރުމުގައި ވަރަށް ގާތުން ހަރަކާތްތެރިވަމުން ދަނިކޮށް، އެ ވައިރަސް ޖެހިގެން މަރުވި ނަރުހެކެވެ. އެ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދެމުން ދިޔައީ ސަރުކާރު ހޮސްޕިޓަލެއްގައެވެ.

އަނބިމީހާ މަރުވާން އުޅޭކަމުގެ ޚަބަރު ސަޖީޝްއަށް ލިބުމާއެކު އޭނާ އެ ހޮސްޕިޓަލަށް ދިޔައެވެ. އޭނާއަށް އަނބިމީހާ ބައްދަލުކުރެވުނީ އެންމެ ދެ މިނިޓަށެވެ. ލިނީ ނަމަކަށް ކިޔާ އެ އަންހެން މީހާ މަރުވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގައެވެ.

“އާދީއްތަ ދުވަހުގެ ހެނދުނު އަހަރެން ދިޔައީ އޭނާއާ ބައްދަލުކުރެވޭތޯ. އޭނާ އޮތީ އޮކްސިޖަން މާސްކް ގުޅާފައި. ދެ މީހުންނަށް ވާހަކައެެއްވެސް ނުދެއްކޭ. އަހަންނަށް އޭނާ ފެނުނީ ދެ މިނިޓަށް. އަހަރެން ހުރީ އޭނާގެ އަތުގައި ހިފަހައްޓައިގެން. އޭނާގެ ހާލު އެއިރުވެސް ވަރަށް ދެރަ”. ސަޖީޝް އެންޑީޓީވީއަށް މައުލޫމާތުދިނެވެ.

އޭނާ ބުނީ. ނަރުހެއްގެ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫންކަން އޭނައަށްވެސް އެނގޭކަމަށެވެ. އަދި އަނބިމީހާއަށްޓަކައި ފަހުރުވެރިވާކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާއަކީ ކޯލް ޑިއުޓީތަކަށްވެސް ވަރަށް ފަރުވާ ބަހައްޓާ މީހެއްކަމަށާއި، އެ ވަރުބަލި ކަމުގައި އޭނަ އަބަދު އުޅެން ޖެހުނު ކަމަށް ފިރިމީހާ ބުންޏެވެ.

ލިނީ މަރުވުމުގެ ކުރިން އޭނާ ވަނީ ފިރިމީހާއަށް ސިޓީއެއްވެސް ލިޔެފައެވެ. އެ ސިޓީގައި އޭނާ ލިޔެފައި ވަނީ އޭނާގެ ދެ ދަރިން ރަނގަޅަށް ބަލައި ދިނުމަށެވެ.

ލިނީއަކީ މިހާރު އިންޑިއާގައި ބިރުބޮޑުވެފައިވާ ނިފާ ވައިރަސް ޖެހިގެން މަރުވި 10 މީހުންގެ ތެރެއިން އެކަކެވެ.

އެ ވައިރަސްއަކީ ވާލާއި އޫރުގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސް އެކެވެ.