ފިލްމު ސީކްރެޓް ސުޕަސްޓާރަށް ހަތަރު ދުވަހުގެ ތެރޭގައި 30 ކަރޯޑު

އާމިރު ޚާން ޕްރޮޑަކްޝަންސް އިން އުފެއްދި ފިލްމު “ސީކްރެޓް ސުޕަސްޓާ” މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފައިވާއިރު ހަތަރު ދުވަހުގެ ތެރޭގައި އެ ފިލްމަށް 30 ކަރޯޑް (300 މިލިޔަން) ރުޕީސް ލިބިއްޖެ އެވެ.

މި ފިލްމު އެޅުވި ފުރަތަމަ ދުވަހު 4.8 ކަރޯޑު، ދެވަނަ ދުވަހު 9.30 ކަރޯޑް އަދި ތިންވަނަ ދުވަހު 8.65 ކަރޯޑް ލިބިފައިވާއިރު އިއްޔެ މި ފިލްމަށް 8.5 ކަރޯޑް ރުޕީސް ލިބިފައިވާކަމަށް ފިލްމުގެ މެނޭޛްމެންޓުން ވަނީ ހާމަކޮށްފަ އެވެ.

މި ފިލްމަކީ 15 ކަރޯޑްގެ ބަޖެޓެއްގައި ހަދާފައިވާ ފިލްމެކެވެ. މި ފިލްމަށް ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ތަރުހީބު އޮހެމުން އަންނައިރު މި ފިލްމަކީ ޒުވާން އަންހެންކުއްޖަކު (އިންސިޔާ – މި ރޯލު ކުޅެފައިވަނީ ޒާރާ ވަސީމް) އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގައި އާމިރު ޚާން ކުޅެފައިވަނީ “ޝަކްތީ ކުމާރު” ނަމަކަށް ކިޔާ ކެރެކްޓަރ އެވެ. އާމިރު ޚާން މި ފިލްމުގައި ދައްކާފައިވާ ތަފާތު ހުނަރަށްވެސް ބޮލީވުޑްގައި އަންނަނީ ތަރުހީބު އޮހެމުންނެވެ.