މަސްތުވާތަކެއްޗާއި އެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރުކުރާކަމަށް ބެލެވޭ ކުޑަކުއްޖަކު ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖަންސާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރު ދަށުގެ ފިރިހެން ކުއްޖެއްކަމަށެވެ. އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓް އަމުރެއްގެދަށުން މި އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހުގެރޭ 19:25 ހާއިރު އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.

“މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓް އަމުރެއްގެ ދަށުން، އޭނާ ދިރިއުޅޭގެއަށް ވަދެ އެގެ ބަލައިފާސްކުރިއިރު އޭނާގެ ކޮޓަރި ތެރެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކެއް ވަނީ ފެނިފައި، އަދި މި މައްސަލައާ ގުޅުންހުރި މަސްތުވާތަކެތި ފުވައްމުލަކު ފަޅު ގޯއްޗެއްގައި ފޮރުވާފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެގޯތި ބަލައިފާސްކޮށްފައިވާއިރު އެގޯތިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 55 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވޭ” ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލާގައި ހައްޔަރުކުރެވުނު ކުއްޖާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށެވެ.

ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާއި އެކު މީހުން ހައްޔަރުކުރަމުން ގެންދެއެވެ.