ޕޯޗުގަލް އަދި ފްރާންސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ވޯލްޑްކަޕް ކޮލިފައިންގައި ރޭގައި ކުޅުނު މެޗުތަކުން މޮޅުވެ ޕޯޗުގަލް އަދި ފްރާންސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެއެވެ.

ޔޫރަޕްގެ ވޯލްޑްކަޕް ކޮލިފައިން ގްރޫޕް ބީގައި ޕޯޗުގަލް ސްވިޒަލެންޑާއި ބައްދަލުކުރި މެޗު ޕޯޗުގަލް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުން ނެވެ. ޕޯޗުގަލްގެ ފުރަތަމަ ގޯލްއަކީ ސްވިޒަލެންޑްގެ ޑިފެންޑާ ޖޯހަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕޯޗުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެންޑްރޭ ސިލްވާއެވެ. މި މެޗުގެ 78 ވަނަ މިނެޓުގައި ގޯލްއެއް ކާމިޔާބުކުރުމުގެ ފަހި ފުރުސަތެއް ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ލިބި ބޭކާރުވެގެން ގޮސްފައެވެ.

ވޯލްޑްކަޕަށް ފްރާންސް ކޮލިފައިވެފައިވަނީ ޔޫރަޕް ކޮލިފައިން ގްރޫޕް އޭ ގައި ބެލާރުސް އާޢި ބައްދަލު ކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ފްރާންސްއަށް ކާމިޔާބުކޮށްދީފައިވަނީ ގްރީޒްމަންއެވެ. އަދި ގްރީޒްމަންގެ އެސިސްޓަކުން ދެވަނަ ގޯލް ފްރާންސްއަށް ކާމިޔާބު ކޮށްދީފައިވަނީ ގިރޯޑެވެ. ބެލާރުސް ގެ ހަމައެކަނި ގޯލް އެޓީމްއަށް ކާމިޔާބު ކޮށްދީފައިވަނީ އެންޓޮންއެވެ.

ޔޫރަޕިއަން ކޮލިފައިންގެ ހުރިހާ މެޗެއް ކުޅެ ނިމިފައިވާ އިރު ޔުރަޕުން ރަޝިޔާގައި ބާޢްވާ ވޯލްޑްކަޕަށް ދަތުރު ކޮށްފައިވަނީ ބެލްޖިއަމް، އިންގްލެންޑް، ފްރާންސް، ޖާމަނީ، އައިސްލޭންޑް، ޕޮލަންޑް، ޕޯޗުގަލް، ރަޝީޔާ، ސާބިޔާ އަދި ސްޕެއިންއެވެ.

މީގެ އިތުރުން ކްރޯޝިޔާ، ޑެނެމާކް، ގްރީސް، އިޓަލީ، ނޮދާން އަޔަލެންޑް، ރިޕަބްލިކް އޮފް އަޔަލެންޑް، ސްވިޑަން އަދި ސްވިޒަލެންޑް ވަނީ ވޯލްޑްކަޕް ކޮލިފައިން ޕްލޭއޮފްއިން ޖާގަ ހޯދާފައެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *