މެސީގެ ރެކޯޑު ހެޓްރިކުން އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ދެކުނު އެމެރިކާގެ ވޯލްޑްކަޕް ކޮލިފައިންގައި އެކުއޭޑާއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އާޖެންޓީނާ ވޯލްޑް ކަޕުން ޖާގަ ކަށަވަރު ކޮށްފިއެވެ.

ރޭގެ މެޗުގައި ތިން ގޯލް އާޖެންޓީނާއަށް ކާމިޔާބު ކޮށްދީ ބާސެލޯނާގެ ތަރި ލަޔޮނަލް މެސީ ވަނީ ހެޓްރިކް ހަދާފައެވެ، މި ހެޓްރިކާއި އެކު މެސީ ވާނީ އިތުރު ރެކޯޑެއްވެސް ގާއިމް ކޮށްފައެވެ. ރޭގެ ތިން ގޯލްއާއި އެކު މެސީ ވެފައިވަނީ ދެކުނު އެމެރިކާގެ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި 20 ގޯލް ހަމަކުރި ފުރަތަމަ ކުޅުން ތެރިޔާއަށެވެ. ރޭގެ މެޗުން އާޖެންޓީނާ މޮޅުވެފައި މިވަނީ ކޮލިފައިން މެޗުތަކުގައި ފެނިގެންދިޔަ އާޖެންޓީނާގެ ދަށްކުޅުމުގެ ސަބަބުން އެގައުމު ވޯލްޑްކަޕަށް ކޮލިފައިވެދާނެ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށެވެ.

އާޖެންޓީނާގެ އިތުރުން އެމެރީކާ ބައްރުން ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ ކޮލަމްބިއާ، އުރުގުއޭ، ކޯސްޓަ ރިކާ، މެކްސިކޯ އަދި ބްރެޒިލްއެވެ.