ރޮހިންޖާ މުސްލިމުންނަށް ފާޑުކިޔުމުން މިޔަންމާގެ ރީތީގެ ރާނީއެއްގެ އަތުން ތާޖު އަތުލައިފި

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ފާޑުކިޔުމުން އެގައުމުގެ ރީތީގެ ރާނީއެއްގެ އަތުން ތާޖު އަތުލައިފިއެވެ.

މިސް ގްރޭންޑް ކާމިޔާބުކުރި އުމުރުން 19 އަހަރުގެ ށުވެ އެއިން ސި ފޭސްބުކުގައި އާންމު ކުރި ވީޑިއޯއެއް ގައި ބުނެފައިވަނީ މިޔަންމާގައި ހަމަލާތައް ދީ ހަމަނުޖެހުން އުފައްދަމުން ދަނީ ރޮހިންޖާ ނަސްލުގެ ހަނގުރާމަވެރިން ކަމަށެވެ.

އަދި އެމީހުން މިހާރު މަސައްކަތް ކުރަނީ މީޑިޔާ ކެމްޕޭނުތައް ކޮށްގެން ކުށެއްނެތް ބައެއްކަމުގައި ހެދި އެމީހުންނަކީ ހާލުގައި ޖެހިފައިވާ ބައެއްކަމުގައި ދެއްކުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

ތާޖް އަތުލުމުން ދިފާއުގައި އެއިން ސި ބުނެފައިވަނީ މިޔަންމާގެ ރައްޔިތެއްގެ ހައިސިއްޔަތުން ގައުމާއި ބެހޭގޮތުން ތެދު ހާމަކޮށް ވާހަކަ ދެއްކުމަކީ ވާޖިބެއް ކަމަށެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމަށް ފިލައިގެން މިދިޔަމަހުގެ 25 ވަނަ ދުވަހުން ފެށިގެން ބަނގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ މުސްލިމުންގެ އަދަދު މިހާރުވަނީ 500,000 އަށް އަރާފައެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމަށް ފިލައިގެން ބަންގްލަދޭޝްއަށް އެތެރެވާން އުޅުމުގެ ތެރޭގައިވެސް އެތައްބަޔަކު ދަނީ މަރުވަމުންނެވެ. މިޔަންމާ ބަނގްލަދޭޝް އިން ވަކިކުރާ ކޯރު ހުރަސްކުރުމުގެ ތެރޭގައި ގެނބިގެންވެސް އެތައްބަޔަކު ދަނީ މަރުވަމުންނެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ރޮހިންޖާ އަކީ މިޔަންމާގެ މައިނޯރިޓީ ނަސްލަކަށް ނިސްބަތްވާ ބައެކެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *