އެމެރިކާގައި 50 އަށް ވުރެ ގިނަ މީހުން މަރާލުމުގެ ޒިންމާ އައިއެސް އިން އުފުލައިފި

އެމެރިކާގެ ލާސް ވޭގަސް ގައި މިއަދު ބަޑިން ހަމަލާދީ 50 އަށް ވުރެ ގިނަ މީހުން މަރާލުމުގެ ޒިންމާ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާޢަތް އައިއެސް އިން އުފުލައިފިއެވެ.

އައިއެސްގެ ޕްރޮޕެގެންޑާ ފަތުރާ އެޖެންސީއެއް ކަމަށްވާ “އަމަގް” އިން އާންމު ކުރި ބަޔާނެއްގައި ބުނީ ލާސް ވޭގަސް ގައި ހަމަލާ ދިނީ “އައިއެސްގެ ހަނގުރާމަވެރިއެއް” ކަމަށެވެ.

“ލާސް ވޭގަސްގައި ހަމަލާ ދީފައި ވަނީ އައިއެސް އާއި ދެކޮޅަށް ހަމަލާ ދެމުންދާ ކޯލިޝަންގެ ގައުމުތަކަށް ހަމަލާ ދިނުމަށް އައިއެސް އިން ގޮވާލާފައިވާ ގޮވާލުމަށް އިޖާބަ ދިން ހަނގުރާމަވެރިއެއް.” ބަޔާނުގައި ބުނެފައި ވެއެވެ.

ލާސް ވޭގަސް ގައި ހަމަލާ ދީފައި ވަނީ އުމުރުން 64 އަހަރުގެ ފިރިހެނެއް ކަމަށްވާ ސްރީވަން ޕެޑޮކް އެވެ.

ހަމަލާގެ ޒިންމާ ނެގުމަށް ފަހު އައިއެސް އިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ޕެޑޮކް ވަނީ ވަރަށް ފަހުން އިސްލާމް ވެފައި ކަމަށެވެ.

އައިއެސް އަށް ސަޕޯޓް ކުރާ މީޑިއާ އަކުން މިހަމަލާގެ ޒިންމާ އައިއެސް އިން އުފުލާ ކަމަށް ބުނެފައި ވީނަމަވެސް މިއީ ހަޤީޤަތުގައި އައިއެސް އިން ދިން ހަމަލާއެއް ކަން ކަށަވަރު ކުރެވޭނެ ހެއްކެތް އަދި ނުލިބެއެވެ.

މިހަމަލާގެ ޒިންމާ އައިއެސް އިން އުފުލާފައި މިވަނީ ދުޝްމަނުންނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަޣުދާދީ ގޮވާލާފައި ވަނިކޮށެވެ.

މިއަދު ލާސް ވޭގަސްގައި ދިން ހަމަލާގައި 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 400 އަށް ވުރެ ގިނަ މީހުން މިހަމަލާގައި ޒަހަމްވެފައި ވާއިރު ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން ހަމަލާގެ ސަބަބުން މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.