މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017 ގެ ގްރޭޑް 3 ން ކުރި ހޯދީ ހޭޒްގެ ޓީމު

މިހާރު ކުރިޔަށްދާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017ގެ ގްރޭޑް 3ގެ ބައިން ލީގު ޗެމްޕިއަންކަން ހާފިޒް އަޙުމަދު ސްކޫލް (ހޭޒް) ހޯދައިފިއެވެ. ފުވައްމުލަކުގެ ޕްރައިމަރީ އަދި ޕްރީ ސްކޫލްތަކުގެ ދަރިވަރުން މެދުގައި ކުރިޔަށްދާ މި ފިއެސްޓާގައި މިފަހަރު އަންހެން އަދި ފިރިހެން ކުދިންގެ ޓީމުތައް ވެސް ބައިވެރިވެފައި ވެއެވެ.

މިއަދު ހެނދުނުގެ ކުޅުން ނިމުނު އިރު ފައުންޑޭޝަން ސްޓޭޖުގެ ފައިނަލަށް ހޮވިފައި ވަނީ ކެންގަރޫ ކިޑްސް ޓީމާއި ހޭޒްގެ ޓީމެވެ.

ފައިނަލް ކުޅުމަށް ހަމޖެހިފައި ވަނީ ޕްރީސް ކޫލް ބަޔާއި ގްރޭޑް 1 ގެ ބައިންނެވެ. ގްރޭޑް 2 އަދި 3 ން މޮޅު ޓީމު ހޮވަނި ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ.

ޕްރީސްކޫލް، ގްރޭޑް 1 އަދި 2 ން ޗެމްޕިއަން ޓީމުތައް އެނގޭނީ މިއަދު މެންދުރުފަހުގެ މެޗުތަކުންނެވެ.

ފޯރިގަދަ މިފަދަ މުބާރާތްތައް ކުރިޔަށްދާއިރު ސްކޫލްތަކުން އަދި ބެލެނިވެރިން ސަމާލުކަން ދޭންވީ މިފަދަ ފިއެސްޓާތަކުގެ އަސްލު މަގުސަދު އޮޅުވާނުލުމަށެވެ. މިފަދަ ފިއެސްޓާ ތަކަކީ ވާދަވެރި ކުޅިވަރު މުބާރާތްތަކެއް ނޫނެވެ. ގިނަ އަދަދެއްގެ ކުދިންނަށް އުފަލާއި މަޖަލުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދެވޭ ހަރަކާތްތަކެކެވެ.

ބައިނަލް އަގުވާމީ ފުޓުބޯޅަ ޖަމްއިއްޔާ ފީފާއިން ވަނީ ކުޑަކުދިންގެ މެދުގައި ވާދަވެރި ފުޓުބޯޅަ މުބާރާތްތައް ބެއްވުން މަނާ ކޮށްފައެވެ. ކޮންމެ ކުއްޖަކުވެސް ކުޅެން ބޭނުންވާ މަގާމަކަށް މިއުމުރުގައި ކުޅުމުގެ ފުރުސަތު ދިނުމަށް ފީފާއިން ބާރުއަޅައެވެ. ކުއްޖަކު ކުޅޭނެ މަގާމު އުމުރުން 12 އަހަރުން މަތިވުމުން ކަމަށް ފީފާއިން ލަފާދީފައި ވެއެވެ.

މުބާރާތްތަކެއްގެ ގޮތަށް ކުޅުން ކުރިޔަށް ދިޔަ ކަމުގައި ވިޔަސް އަސްލު މަގުސަދު ހާސިލުކުރުމަށް ޓީމުތަކުގެ ހުރިހާ ކުދިންނަށް ވެސް ކުޅުމުގެ ފުރުސަތު ދިނުމަށް އިސްކަން ދިނުން މުހިންމެވެ.

ކޮންމެ އަހަރަކު ވެސް މިފިއެސްޓަރ އަށް ފުވައްމުލަކުގެ ކުޑަކުދިން ވަރަށް ބޮޑު އުއްމީދެއް ކުރެއެވެ. އަދި މިހަރަކާތަށް ފުވައްމުލަކުގެ ހުރިހާ ފަރާތްތަކުން ވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއެވެ. އެއިގެ ނަތީޖާއެއްގެ ގޮތުން މޯލްޑިވްސް ސޮކަރ ވެޓަރަންސް އިން ވެސް ވަނީ އެމީހުންގެ މިހަރަކާތް ފެށި ފަހުން ކޮންމެ ފަހަރަކު ވެސް ފުވައްމުލަކުގައި މިހަރަކާތް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

ނޯޓް : މިއީ މިކަލް ނިއުސް އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.