މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދަށްކާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އަށް އިންސައްތަ އިތުރުވެފައެވެ.

ތަފާސްހިސާބު ދަށްކާ ގޮތުގައި މިއަހަރުގެ އޮގަސްޓު މަހު ރާއްޖެ ޒިޔާރަތްކުރީ 121،310 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ޖުމްލަ 892،025 އަށް އަރާފައިވާ ކަމަށްވެސް ދައްކައެވެ. މި މިންވަރަކީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 5.9 އިންސައްތައިގެ ކުރިއެރުމެކެވެ.

އޮގަސްޓް މަހު ރާއްޖޭގައި ރިސޯޓު، ގެސްޓްހައުސް، ހޮޓަލް އަދި ސަފާރީ ހިމެނޭ ގޮތަށް 727 ތަނެއްގައި ޖުމްލަ 39074 އެނދު ވަނީ އޮޕަރޭޓްކޮށްފައެވެ.

އަދި މިދިޔަ މަހު ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާއިން ކަމަށް ވާއިރު އެ ގައުމުން އެކަނި 33،743 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 209،514 ޓޫރިސްޓުން ޒިޔާރަތް ކޮށްފައެެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ނުވަ ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ ހިމެނޭ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން ކަމަށްވާ އިރު އެ ސަރަހައްދުން ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 59،900 އަށް އަރަ އެވެ. ދެވަނައަށް އެންމެ ގިނައިން، އިނގިރޭސިވިލާތާއި އިޓަލީ އަދި ޖަރުމަނު ހިމެނޭ ޔޫރަޕް ސަރަހައްދުން ފަތުރުވެރިން ޒިޔާރަތް ކުރި އިރު އެ ސަރަހައްދުން ޖުމްލަ 47،465 ޓޫރިސްޓުން  ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އޮކިޔުޕެންސީ ރޭޓް ހުރީ 61.6 އިންސައްތައިގައެވެ. އަދި އެވަރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 6.2 ދުވަސް ހޭދަކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.