އެމެރިކާއިން އުތުރު ކޮރެޔާއަށް ހަމަލާއެއް ނުދޭނެ – ރަޝިޔާ

މެރިކާއިން އުތުރު ކޮރެޔާއަށް ހަމަލާނުދޭނެ ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއު އެއްގައި އެގައުމުގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯވް ވިދާޅުވީ، އެމެރިކާއިން އުތުރު ކޮރެއާއަށް ހަމަލާ ނުދޭނީ، އުތުރު ކޮރެއާގައި ނިއުކްލިއަރ ބޮން ހުރިކަން އެމެރިކާއަށް އެނގޭތީ ކަމަށެވެ.

“އުތުރު ކޮރެއާގައި ނިއުކްލިއަރ ބޮން ހުރިކަން އެމެރިކާއަށް ހަމައެކަނި ޝައްކުވަނީ އެއް ނޫން. އެއީ އެމެރިކާއަށް ޔަގީންވާ ކަމެއް” ލަވްރޯވް ވިދާޅުވިއެވެ.

އަދި މިއީ އުތުރު ކޮރެޔާ ދިފާއުކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫންކަމަށާއި މިއީ އެންމެން ވެސް ގަބޫލުކުރާނެ ހަގީގަތެއް ކަމަށްވެސް ލަވްރޯވް ވިދާޅުވިއެވެ.

މީގެއިތުރުން ލަވްރޯވް ވަނީ އެމެރިކާއާއި އުތުރު ކޮރެއާގެ ވެރިންގެ މެދުގައި ބަދަލު ކުރަމުންދާ ވަރުގަދަ ބަހުގެ ހަމަލާތަކަކީ ތުއްތުކުދިން ހިންގާކަހަލަ ތަޅާފޮޅުމެއް ކަމަށްވެސް ވިދާޅުވެފައެވެ.

އަދި މި މައްސަލަ ހައްލު ކުރެވޭނީ ތަންކޮޅެއް މަޑުމައިތިރި ކަމާއެކު އުތުރު ކޮރެއާއާ ކުރިމަތިލައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އޯގާތެރިކަން އިސްކުރަންވީ، ޚިޔާލާއި މަޝްވަރާ ދޭންވީ، ނަސޭހަތާއި ހިތްވަރުދޭންވީ” ލަވްރޯވް ވިދާޅުވިއެވެ.

ލަވްރޯވް މިހެން ވިދާޅުވެފައިވާއިރު އދގ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ނުވަތަ އެމެރިކާގެ ބައިވެރިޔަކަށް ހަމަލާދިން ނަމަވެސް މުޅި އުތުރު ކޮރެއާ ފުނޑުފުނޑުކޮށްލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕަށް ރައްދު ދެއްވައި އުތުރު ކޮރެޔާއިން ބުނީ “ބިރުގެންފައިވާ ކުއްތާ ބާރަށް ވަށްވަށް ޖަހާނެ” ކަމަށެވެ. ޓްރަމްޕަކީ ސިކުނޑި ހަމަނުޖެހޭ މޮޔައެއް ކަމަށާއި، އޭނާއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކުގެ އަގު ޓްރަމްޕް އަދާކުރައްވަން ޖެހޭނޭ ކަމަށްވެސް އުތުރު ކޮރެޔާއިން ވަނީ ބުނެފައެވެ.