ޗައިނާގެ “ލަކީއެއާ”ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި

ޗައިނާގެ “ލަކީ އެއާ”ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ޗައިނާގެ ބަޖެޓު އެއާލައިނެއް ކަމަށްވާ ލަކީ އެއާގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ޗައިނާގެ ހައިނާން އެއާލައިން ގްރޫޕުގެ އެއާލައިނެއް ކަމަށްވާ ލަކީ އެއާ އިން ދަތުރުތައް ކުރުމަށް ހަމަޖައްސާފައިވަނީ ރާއްޖެއާއި ޗައިނާގެ ކުންމިންއާ ދެމެދު އެވެ.

ޗައިނާގެ 60 ސިޓީއަކަށް އުދުހެމުންދާ ލަކީ އެއާގެ ދަތުރުތައް ފަށާފައިވަނީ 2006 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޗައިނާއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިވަގުތު ގެންނަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގަ އެވެ.

ޗައިނާ އިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ ހަފްތާގައި ވަނީ ޗައިނާ އަށް ނިސްބަތްވާ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި، އަލީބާބާބާގެ ޓްރެވަލް ގޮފި ކަމަށްވާ އަލީޓްރިފް ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަދެފަ އެވެ. އެގޮތުން އެކުންފުނީގެ ރާއްޖެ އެޖެންޓުން މިހާރު ވަނީ ކަނޑައަޅާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމަކީ ވެސް ޗައިނާ އެވެ.