65 ރަށެއް ބީލަމުގެ އުސޫލުން ވަރުވާއަށް ދޫކުރަން އިއުލާން ކޮށްފި

ބީލަމުގެ އުޞޫލުން، ށ.، ނ.، ރ.، ބ.، ކ.، އދ.، ވ. އަދި ސ. އަތޮޅުގެ 65 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ހޯމަ ދުވަހު ވަރުވާއަށް ދޫކުރުމަށް އިއުލާނުކޮށްފައި ވަނީ ށ. އަތޮޅުގެ 16 ރަށަކާއި، ނ. އަތޮޅުގެ 21 ރަށަކާއި، ސ. އަތޮޅުގެ 10 ރަށަކާއި، ރ. އަތޮޅުގެ ހަތް ރަށަކާއި، ބ. އަތޮޅުގެ ތިން ރަށަކާއި، ކ. އަތޮޅުގެ އެއް ރަށަކާއި، އދ. އަތޮޅުގެ ތިން ރަށެއްގެ އިތުރުން ވ. އަތޮޅުގެ ހަތަރު ރަށެކެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބިޑް ފޯމް ވިއްކަން ހަމަ ޖެހިފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން އޮކޮޓޯބަރ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:00 އަށް އެ މިނިސްޓްރީން ބިޑް ފޯމެއް 20ރ. އަށް ލިބޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މައުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުން އަދި، ބިޑް ހުށަހެޅުން އޮންނާނެ ދުވަސްތައް ފަހުން އިއުލާނު ކުރެވޭނެ ކަމަށެވެ.

ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމުގެ ގަވާއިދަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި އިސްލާހު ގެނެސްފައި ވާއިރު، އެ އިސްލާހުގައި ވަނީ ފިޝަރީޒް މިނިސްޓްރީން ޢިއުލާންކުރުމުން އެންމެ ފަރާތަކުން ކުރިމަތިލި ނަމަވެސް އެފަރާތަކުން ހުށަހަޅާފައިވަނީ އެކަށީގެންވާ ހުށައެޅުމެއް ކަމަށް މިނިސްޓްރީއަށް ޤަބޫލުކުރެވޭ ނަމަ އެ ރަށެއް އެ ބިޑު ހުށަހެޅި ފަރާތަށް ދޫކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފަޅުރަށް ވަރުވާއަށް ދޫކުރުމަށް މިނިސްޓްރީއިން ޢާންމުކޮށް ޢިއުލާން ކުރުމުން، އެއް ފަރާތަކަށް ވުރެ ގިނަ ފަރާތަކުން ހުށަހަޅާފައިވާ އެންމެ މަތީ ކުލި އެއްވަރުވާ ނަމަ ކުލި އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރާ ފަރާތް ކަނޑައަޅާނީ ކުލި އެއްވަރުވާ ފަރާތްތަކުގެ މެދުގައި ވަރުވާ ކުލި އަލުން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށްފަހު އެންމެ މަތީ ކުލި ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް ވެއެވެ.

ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމަށް އަލުން ޢިއުލާން ކުރުމުން އެއްވެސް ފަރާތަކުން ބިޑު ހުށައަޅާފައި ނުވާ ނަމަ ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް އެކަށީގެންވާ އަގެއްގައި އެރަށެއް ވަރުވާއަށް ދޫކުރެވުމުގެ އިހްތިޔާރު ލިބިގެން ވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ވެސް ވަނީ ގދ. އަތޮޅުން 50 ރަށެއް ވަރުވާއަށް ދޫކޮށްފައި ވެއެވެ.

ނޯޓް : މިއީ ވަގުތު އޮންލައިން އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.