ނޭމާ އާއި މެދު ފިޔަވަޅު އަޅަން ބާސެލޯނާއިން ނިންމައިފި

ރިކޯޑް ޓްރާންސްފަރ ފީ އަކަށް ބާސެލޯނާއިން ޕީ.އެސް.ޖީ އަށް ބަދަލުވި ނޭމާ އާއި މެދު ފިޔަވަޅު އަޅަން ބާސެލޯނާއިން ނިންމައިފިއެވެ.

ނޭމާއާއި މެދު ފިޔަވަޅު އަޅަން ބާސެލޯނާއިން ނިންމީ އޭނާގެ ކޮންޓްރެކްޓާއި އެއްގޮތަށް އޭނާ އަމަލު ނުކުރުމުންނެވެ. ބާސެލޯނާއާއެކު އޭނާ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން 2021 އާ ހަމަޔަށް އެ ކްލަބްގައި މަޑުކުރުމަށް އެ އެއްބަސްވުމުގައިވެއެވެ . ބާސެލޯނާއިން މަދުވެގެން 8.5 މިލިއަން ޔޫރޯ އިން ނޭމާ ޖޫރިމަނާކުރާނެ ކަމަށް ބެލެވެއެވެ.

ބާސާއިން ނޭމާ އާއި މެދު ފިޔަވަޅު އަޅަން ނިންމައިފައި މިވަނީ ބާާސެލޯނާގެ ބޯޑާއި މެދު ނޭމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައިކަންވެސް ފާހަގަކޮށްލެވެއެވެ.

ނޭމާ އަންނަނީ ޕީ.އެސް.ޖީ ގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ޕީ.އެސް.ޖީ އަށް ދެ މެޗް ކުޅެދީ 3 ގޯލް ކާމިޔާބުކޮށް 3 ގޯލް ޖަހައިދިނުމުގައި އެހީތެރިވެދީފައެވެ.