ޑެމްބެލޭ އަށް 130 މިލިއަން ޔޫރޯ ދިނުމުންވެސް ޑޯޓްމަންޑްއިން ނޫނެކޭ ބުނެފި

ނޭމާ ނެތްތަން ފޫބެއްދުމަށްޓަކައި ބާސެލޯނާއިން އެ ކްލަބަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ޑޯޓްމަންޑްގެ 20 އަހަރުގެ ޒުވާން ފޯވަޑް ޑެމްބެލޭއަށް ހުށަހެޅި 130 މިލިއަން ޔޫރޯގެ ބިޑްވެސް ޑޯޓްމަންޑްއިން ބަލައެއްނުގަތެވެ.

ރިޕޯޓްތައް ބުނާގޮތުން ޑެމްބެލޭއަށް ޑޯޓްމަންޑްއިން މަދުވެގެން 150 މިލިއަން ޔޫރޯ ބޭނުންވެއެވެ.

ސަބަބަކާ ނުލާ ފަރިތަކުރުންތަކުގައި ބައިވެރިނުވުމުގެ ސަބަބުން ޑޯޓްމަންޑްގެ ޑެމްބެލޭ ހުރީ އަދިވެސް ސަސްޕެންޑްކޮށްފައިކަން ފާހަގަކޮށްލެވެއެވެ. ހަބަރުތައް ބުނާގޮތުން ޑެމްބެލޭ ބާސެލޯނާއާއި ގުޅެން ބޭނުންވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނޭމާ ނެތްތަން ފޫބެއްދުމަށް މިވަގުތު ހުރި އެންމެ ރަނގަޅު ކުޅުންތެރިޔަކީ ޑެމްބެލޭ އެވެ.

ބާސެލޯނާއިން ނޭމާ ނެތްތަން ފޫބެއްދުމަށްޓަކައި ލިވަޕޫލްގެ ކުޓީނިއޯ ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އޭނާ އެ ކްލަބަށް ގެނެއުމަށް ލިވަޕޫލަށް ހުށަހެޅި ތިން ބިޑްވެސް ލިވަޕޫލްއިން ބަލައިގެންފައެއް ނުވެއެވެ. އަދި ކުޓީނިއޯ ހޯދުމުގެ މަސައްކަތް ބާސެލޯނާއިން ނިމުމަކަށް ގެނެސްފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.