ސޭވް ފުވައްމުލައް ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަނީ

ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ސަމާލުކަން ހޯދުމުގެ ގޮތުން ފުވައްމުލަކުގައި ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށްގެންދަން ފަށައިފިއެވެ. ޒުވާން ގްރޫޕަކުން އިސްނަގައިގެން ކުރިޔަށްގެންދާ ސާފުކުރުމުގެ ޕްރޮގްރާމު މިއަދު ވަނީ ފަށާފައެވެ. މިއަދު ސާފުކޮށްފައި ވަނީ ފުވައްމުލަކުގެ ގޮނުދޮށުން ބައެއް ހިސާބުތަކެވެ.

ސާފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މެންބަރަކު ހާމަކޮށްފައިވާ ގޮތުން މިއަދު ވަނީ 50 ކޮތަޅު (ޑަސްބިން)ގެ ކުނި އެއްކުރެވިފައެވެ. މީގެ ތެރޭގައި ގިނައީ ޕްލާސްޓިކުގެ ބާވަތްތައް ކަމަށް ހާމަކުރެއެވެ.

މިއަދު ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލަކު ރަސްގެފަންނު ހިސާބުން އިރު އުތުރު ގޮނުދޮށާއި ހޭޅިފަށެވެ.

މާދަމާ ވެސް ސާފުކުރުމުގެ މިޕްރޮގްރާމް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ސާފުކުރުން ފެށުމަށް ހަމަޖެހިފައި ވަނީ ބޮނޑުފަންނު ންނެވެ. މިހަރަކާތުގައި ބާއިވެރިވާން އެދޭ ފަރާތްތަކުން މާދަމާ މެންދުރފަހު 3 ޖަހާއިރު އެސަރަހައްދަށް އައުމަށް ވަނީ ގޮވާލާފައެވެ.

މިދުވަސްވަރަކީ ފުވައްމުލަކުގެ ގިރާ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދުވަސްވަރެކެވެ. ނަމަވެސް ގިރާސަރހައްދުގެ ހިމާޔަތަށް ކުރެވޭ މަސައްކަތްތައް އަންނަނީ ލަސްވެ ފަހަތަށް ޖެހެމުންނެވެ. ބަޖެޓް ކުރެވި ފައިސާ ހަމަޖެހިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރި ކަމުގައި ވިޔަސް އަމަލީ މަސައްކަތެއް ނުފެށި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާކަމުގެ ޝަކުވާ ފުވައްމުލަކުގެ ގިނަ ޒުވާނުންނަތައް އަންނީ ކުރަމުންނެވެ.