ދެމެޗުގެ އެގްރީގޭޓުން މޮޅުވެ މެޑްރިޑުން ސުޕަ ކަޕް ކާމިޔާބުކޮށްފި

ފުރަތަމަ ލެގުން ދެއްކި ރަތްކާޑާއެކު ސަސްޕެންޑުކޮށްފައިވާ ޕޯޗުގަލްގެ ވިންގާ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ދެ ވަނަ ލެގުން ބާސެލޯނާ 2-0 އިން ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑް ރޭ ކާމިޔާބުކޮށްފި އެވެ.

ފުރަތަމަ ލެގުން 3-1 އިން މޮޅުވެފައި އޮތުމުގެ ސަބަބުން މެޗު ފެށުން އިރުވެސް މެޑްރިޑު އޮތީ ކުރީގައެވެ. މެޗުފަށައިގެން ހަތަރުވަނަ މިނެޓުގައި މާކޯ އެސެންސިއޯ ދުރުން ވައްދާލި ގޯލާއެކު މެޑްރިޑުން ވަނީ އެގްރިގެޓް ލީޑު ފުޅާކޮށްފައެވެ. އުމުރުން 21އަހަރުގެ ކުޅުންތެރިއާ އަންނަނީ ފަހަކަށް އައިސް ތަފާތު ދައްކަމުންނެވެ.

އަދި 39 ވަނަ މިނެޓުގައި މާސެލޯ ދިން ބޯޅައަކުން ކަރިމް ބެންޒެމާ ގޯލް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީ ބާސެލޯނާގެ އުންމީދު ގެއްލުވާލިއެވެ.

ދެ ލެގުގެ އެގްރިގޭޓުން 5-1 ގެ ބޮޑު ލީޑެއްގައި އޮތުމާ އެކު އެކު ދެ ވަނަ ހާފުގައި މެޑްރިޑް ފެނިގެން ދިޔައީ ފަސޭހަކޮށެވެ. އަދި މި ހާފުގައި ބާސެލޯނާ އިން ކުޅުން ރަނގަޅުކުރިއިރު ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ޕީއެސްޖީ އަށް 200 މިލިއަން ޕައުންޑަށް ނޭމާ ވިއްކާލައި ކުޅުނު ދެމެޗުންވެސް ބާސެލޯނާ ބަލިވިއިރު، ކޯޗު އާނެސްޓޯ ވަލްވާޑޭ އަށްވަނީ ޓީމުގެ ފޯމު ރަނގަޅުކޮށް ނާކާމިޔާބީން އަރައިގަނެ މޮޅެއް ހޯދަން މަޖުބޫރުވެފައެވެ.

މިއީ ޒިދާން މެޑްރިޑާއި ހަވާލުވި ކުރުމުއްދަތުގައި އެޓީމަށް ހޯދަދިން ހަތް ވަނަ ތަށްޓެވެ.