ފިޖެޓު ސްޕިނާ މީހާގެ ހާސްކަން ފިލުވައިދޭ

އެކި ދުވަސްވަރު މަޝްހޫރު ވަނީ އެކި އެއްޗިއްސެވެ. ޕޮކެމޮން ގޯ އަށް ފަހު މިހާރު މުޅި ދުނިޔޭގައިވެސް އެންމެ ނަންހިނގާ އެކައްޗަކީ ފިޖެޓް ސްޕިނާއެވެ. ކުޑައެއް ބޮޑެއް ތަފާތެއްނެތި ފިޖެޓް ސްޕިނާ ދަނީ އެންމެންގެ ތެރޭގައި ވަރަށް ހަލުވި މިނެއްގައި މަޝްހޫރު ވަމުންނެވެ. ނަމަވެސް ސުވާލަކީ މި ކޫޅޭ އެއްޗަކީ އެއިން އެއްވެސް ފާއިދާއެއް ކުރުވާ އެއްޗެއް ބާވައެވެ؟ ‘އެމެޒޮން’ ގައި ފިޖެޓް ސްޕިނާ ވިއްކާ މީހަކު ބުނެފައިވާ ގޮތުގައި ސިގިރެޓް ބުއިން އަދި ނިޔަފަތި ކެއުން ހުއްޓަން ބޭނުންވާ މީހުންނަށް މިއީ ވަރަށް ރަނގަޅު އެއްޗެކެވެ. ނަމަވެސް ފިޒީޝިއަން ޑރ. ޖޯން އެލް. ބެންޑާ ވިދާޅުވާ ގޮތުގައި ފިޖެޓް ސްޕިނާ އަކީ އެއިން ފައިދާއެއް އަދި ގެއްލުމެއްދޭ އެއްޗެއް ކަމެއް ކަމަށް އޭނާއަށް އެނގިފައި ނުވާކަމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފިޖެޓް ސްޕިނާ ބޭނުން ކުރުމުން މީހާގެ ހާސްކަން ފިލުވައިދެއެވެ. އެކަމަކު މިކަމަށް ބާރުލިބޭފަދަ އެއްވެސް ދަލީލެއް ސައިންސްގެ އެހީގައި އަދި ލިބިފައެއްނުވެއެވެ. މިއީ ކިތަންމެ ފައްކާ އެއްޗަކަށްވިޔަސް ސްކޫލްތަކުގައި ފިޖެޓް ސްޕިނާ ގެންގުޅުންވަނީ މަނާކޮށްފައެވެ. އެއީ ކުލާހުގައި ތިބޭ އެހެން ކުދިންނަށް އޭގެ ސަބަބުން ފިލާވަޅަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވާތީ ކުރިކަމެކެވެ. ނަމަވަމެސް ނަފްސާނީ މައްސަލައެއް ހުންނަ ކުދިން ކުލާހުގައި ބޭނުންކުރުމަށް މިއީ ވަރަށްރަނގަޅު އެއްޗެއް ކަމަށްވެއެވެ. އެއީ ފިޖެޓް ސްޕިނާ ބޭނުން ކުރުމުން ކުލާހުގައި ބުނެދޭ އެއްޗިއްސަށް ސަމާލުކަން އެކުދިން ދޭ މިންވަރު އިތުރުވާ ކަމަށް ބުނެފައިވެއެވެ. ފިޖެޓް ސްޕިނާއަކީ އެއިން އެންމެނަށް ފައިދާވާ އެއްޗެއް ކަމަށް ނުބެލެވެއެވެ. ބައެއް މީހުންނަށް އެއީ ހަމައެކަނި ކުޅޭއެއްޗެކެވެ. އަނެއްބައި މީހުންނަށް އެއީ އެމީހުންކުރާ މަސައްކަތަށް ސަމާލުކަން އިތުރުކޮށްދޭ ވަރަށް މުހިންމު ބައިވެރިއެކެވެ.